ޚަބަރު
މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިޢާރު "މަރުދޭށޭވީ ޤައުމާ ވަތަނާ ދީނަށް" އިފްތިތާޙުކޮށްފި
ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ހަފްލާއެއް ފޮޓޯ: ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ ދިވެހިރާއްޖޭގެ ޅެންވެރީންގެ ދުވަހުގެ މިއަހަރުގެ ޝިޢާރު އިފްތިތާޙުކޮށްފިއެވެ. މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ "މަރުދޭށޭވީ ޤައުމާ ވަތަނާ ދީނަށް" މިއެވެ.
މި ޝިޢާރު އިފްތިތާޙުކޮށްދެއްވީ ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައެވެ. މި ޝިޢާރު އިފްތިތާޙުކޮށްދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. މި ހަފްލާގައި އެ ވުޒާރާގެ ދަށުން ހިންގާ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގައި ޅެންވެރީންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަނީ ދިވެހި އަދަބިއްޔާތުގެ ތަރިއެއް ކަމުގައިވާ އަލްއުސްތާޛު އަލްމަރުހޫމް އިބްރާހީމް ޝިހާބުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ޅެންވެރިކަމުގެ ދުނިޔޭގައި "ޝާއިރުއް ޝަބާބު" ނުވަތަ ޒުވާނުންގެ ޅެންވެރިޔާގެ ލަގަބުން މަޝްހޫރުވެވަޑައިގެންފައިވާ އިބްރާހީމް ޝިހާބުގެ ނަންފުޅަށް ނިސްބަތްކޮށް މި ދުވަސް ފާހަގަކުރަން ފަށާފައިވަނީ އެމަނިކުފާނު ދިވެހި އަދަބިއްޔާތަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
މިއަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށްޓަކައި ކުލަގަދަ ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އެގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމުތަކުގެ އިތުރުން، ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި އަހަރުގެ ޅެންވެރީންގެ ދުވަހާ ގުޅުވައިގެން ޖުމްލަ ތިން ދުވަހުގެ މުއްދަތަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.