ދުނިޔެ
ހަކުރު އެކުލެވޭ ބުއިންތަކާއި ބަނގުރަލުން ނަގާ ޓެކްސް ބޮޑުކުރުމަށް ޑަބްލިއު.އެޗް.އޯ އިން ގޮވާލައިފި
ހަކުރުއެކުލެވޭ ބުއިންތަކެއް
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ދުނިޔޭގެ ގައުމުތަކަށް އިލްތިމާސްކޮށްފައިވަނީ ހަކުރު ގިނައިން އެކުލެވޭ ބުއިންތަކާއި ބަނގުރަލުން ނަގާ ޓެކްސް ބޮޑުކުރުމަށެވެ. އެ ޖަމްއިއްޔާއިން ހާމަކުރި ގޮތުގައި، ދުނިޔޭގެ ގިނަ ގައުމުތަކުގައި މިފަދަ ތަކެތީގެ އަގު ހުރީ އާންމުންނަށް އަތްފޯރާ ފަށުގައެވެ.
ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ވިދާޅުވީ، ސިއްހަތަށް ގެއްލުންދޭ ތަކެތިން ނަގާ ޓެކްސް އިތުރުކުރުމަކީ އެފަދަ ތަކެތި ބޭނުންކުރާ މިންވަރު މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެ ސަބަބުން ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދީ، ސިއްހީ ނިޒާމަށް އޮންނަ ބުރަ ކުޑަވެގެންދާނެ ކަމަށްވެސް އޭނާފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޓެޑްރޯސް ވިދާޅުވީ މިފަދަ ޓެކްސްތަކުން ލިބޭ އާމްދަނީ ސިއްހީ ދާއިރާއާއި، ތައުލީމާއި، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުތަކަށް އިންވެސްޓް ކުރެވިދާނެ ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ 2018 ވަނަ އަހަރު އިނގިރޭސިވިލާތުން ހަކުރު އެކުލެވޭ ބުއިންތަކުން ޓެކްސް ނަގަން ފެށުމުން، އެ ގައުމުގައި ހަކުރު ބޭނުންކުރާ މިންވަރު ބޮޑުތަނުން ދަށްވިކަމެވެ.
މި ފިޔަވަޅުގެ ސަބަބުން 2024 ވަނަ އަހަރު އެކަނިވެސް އިނގިރޭސިވިލާތުގެ އާމްދަނީއަށް 338 މިލިއަން ޔޫރޯ އިތުރުވެފައިވާކަމަށް ޓެޑްރޯސް ވިދާޅުވިއެވެ. އަދި މީގެ ސަބަބުން އުމުރުން 10 އަހަރާއި 11 އަހަރާ ދެމެދުގެ އަންހެން ކުދިންގެ މެދުގައި އޮބޭސިޓީގެ ނިސްބަތް ދަށްވެފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. ރިޕޯޓްތަކުން ދައްކާގޮތުގައި ދުނިޔޭގެ މަދުވެގެން 116 ގައުމެއްގައި މިހާރުވެސް ހަކުރު އެކުލެވޭ ބުއިންތަކުން ޓެކްސް ނަގަމުންދެއެވެ.
ބަނގުރަލާ ގުޅޭގޮތުން ޑަބްލިއު.އެޗް.އޯ އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، 167 ގައުމަކުން ބަނގުރަލުން ޓެކްސް ނަގަމުންދިޔަ ނަމަވެސް، 2022 ވަނަ އަހަރުން ފެށިގެން ގިނަ ގައުމުތަކުގައި ބަނގުރަލުގެ އަގު ވަނީ ހެޔޮވެފައެވެ. މިއީ ތަކެތީގެ އަގު އުފުލުމާއި (އިންފްލޭޝަން) އާމްދަނީ އިތުރުވުމާ އެއްވަރަށް ޓެކްސްއަށް ބަދަލު ނުގެނައުމުގެ ނަތީޖާއެއް ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.
ހަކުރު ގިނައިން އެކުލެވޭ ބުއިންތަކާއި ބަނގުރާ ގަވާއިދުން ބޭނުންކުރުމަކީ އޮބޭސިޓީ، ހަކުރުބަލި، ހިތުގެ ބަލިތައް، ދަތުގެ މައްސަލަތައް އަދި ކަށި ފީވުން ފަދަ ސިއްހީ ނުރައްކާތަކަށް މަގުފަހިވާ ކަންކަމެވެ. އެހެންކަމުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި މިފަދަ ތަކެތިން ނަގާ ޓެކްސް މުރާޖައާކޮށް ބޮޑުކުރުމަށް ޑަބްލިއު.އެޗް.އޯ އިން ވަނީ ދުނިޔޭގެ ސަރުކާރުތަކަށް ބާރުއަޅާފައެވެ.