ޚަބަރު
ބޭރުގައި ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑް 7 އަހަރަށްފަހު މުރާޖަޢާ ކުރަނީ
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ފޮޓޯ: އެޑިޝަން
ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑް (މަހުން މަހަށް ދޭ އެލަވަންސް) މުރާޖަޢާ ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިކަން ހާމަކުރެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައްޔާރުކޮށް ގެނެސްދޭ "ތަރުޖަމާނު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ސްޓައިޕެންޑް ރޭޓުތައް މުރާޖަޢާ ކުރަން މި ފެށީ ގާތްގަނޑަކަށް 7 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ. މި މަސައްކަތް ފަށާފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވަމުންދާތީ، ދަރިވަރުންނަށް މިހާރު ދެވޭ އަދަދުން ދެކޮޅު ނުޖެހޭތީ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިހާރު އޮތް އުސޫލުގެ ދަށުން ފައިސާ ދޫކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ދެ މަސް ކުރިން ވުޒާރާއިން ފަށާ ކަމަށެވެ. އަދި ގިނަ ދަރިވަރުންނަށް (ގާތްގަނޑަކަށް 75 އިންސައްތަ ކުދިންނަށް) ގަޑިއަށް ފައިސާ ލިބޭ ކަމަށާއި، ފައިސާ ލިބުން ލަސްވަނީ ލިޔެކިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، ދުރާލާ ލިޔުންތައް ޙިއްސާކުރުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން، ދަރިވަރުންނަށް ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން، 50 ދަރިވަރުންނަށްވުރެ ގިނަ ދަރިވަރުން އުޅޭ ޤައުމުތަކަށް މިހާރުވެސް ޚާއްޞަ ހޮޓްލައިން ނަންބަރުތަކެއް ވަނީ ހަމަޖައްސާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، 25 ދަރިވަރުންނަށްވުރެ ގިނަ ދަރިވަރުން އުޅޭ ޤައުމުތަކަށްވެސް 24 ގަޑިއިރު ގުޅޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ބަދަލުތަކާއެކު، ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެ ޤައުމެއްގެ ދިރިއުޅުމުގެ ޚަރަދާ އެކަށޭނެ މިންވަރަކަށް ފައިސާ ލިބި، ދަރިވަރުންނަށް ދިމާވާ މާލީ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން އުންމީދު ކުރެއެވެ.