Ads by Stelco

ޚަބަރު

އަދާލަތު ޕާޓީގެ ރައީސް ހޮވާ އިންތިޚާބު އިންސާފުވެރި ނޫން ކަމަށް ބުނެ ޑރ. އިކްރާމް އިންތިޚާބު ބޮއިކޮޓް ކުރައްވައިފި

އަދާލަތު ޕާޓީގެ ރައީސް ހޮވާ އިންތިޚާބު އިންސާފުވެރި ނޫން ކަމަށް ބުނެ ޑރ. އިކްރާމް އިންތިޚާބު ބޮއިކޮޓް ކުރައްވައިފި

ޑރ. އިކްރާމް އަބްދުއްސައްތާރު ފޮޓޯ: އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖެނުއަރީ 2026، 10:26

20 ޖެނުއަރީ 2026، 10:26

އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަދާލަތު ޕާޓީގެ ރައީސަކު ހޮވުމުގެ އިންތިޚާބު، އެ ޕާޓީގެ ރައީސްކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޑރ. އިކްރާމް އަބްދުއްސައްތާރު ބޮއިކޮޓް ކުރައްވައިފިއެވެ.

މިއަދު އިކްރާމްގެ ކެމްޕެއިން އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި އިންތިޚާބު ބޮއިކޮޓް ކުރަން ނިންމީ އިންތިޚާބާ ގުޅުންހުރި ހުރިހާ ކަމެއް ކުރިއަށް ދަނީ ދެފުށްފެންނަ، ޢަދުލުވެރި އުސޫލުތަކާ ޚިލާފަށް ކަމަށްވާތީ ކަމަށެވެ. އަދި މިއީ ޚުދުމުހުތާރު ނިޒާމަކަށް މަގުފަހިވާ ގޮތަށް، ވަކި ނަތީޖާއެއް ނެރުމަށް ރާވައިގެން ހިންގާ ކަމެއްގެ ގޮތުގައި އިކްރާމް ވަނީ ތުހުމަތު ކުރައްވާފައެވެ.

އަދާލަތު ޕާޓީގެ ރައީސްކަމަށް އިކްރާމްގެ އިތުރުން ދެން ވާދަކުރައްވަނީ އެ ޕާޓީގެ ނައިބު ރައީސް ޝެއިޚު މުހައްމަދު ޝިފާނެވެ. އިކްރާމް ވަނީ މި މަހުގެ 11 ވަނަ ދުވަހު އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް އެދި ސިޓީއެއް ހުށަހަޅާފައެވެ. ނަމަވެސް، ޕާޓީން ބުނެފައިވަނީ އެތެރޭގެ އިންތިޚާބުތަކުގެ ގަވާއިދު އޮތްގޮތުން ވޯޓު ފޮށި ބެހެއްޓުމަށް ޖާގަ ނުދޭ ކަމަށެވެ.

އިކްރާމްގެ ބަޔާނުގައި ފާހަގަކޮށްފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި:

  • ވޯޓުލެވޭ މެންބަރުންގެ ލިސްޓު ބަލައި ކަށަވަރު ކުރުމުގެ ފުރުސަތު ކެންޑިޑޭޓަށް ނުދިނުން.
  • ޕާޓީގެ ގޮފިތަކާއި ދާއިރާތަކަށް މީހުން އައްޔަނުކުރުމުގައި އުސޫލާ ޚިލާފަށް، އިންތިޚާބަކާ ނުލައި އިދާރާއިން ބޭނުންވާ ބަޔަކު މަގާމުތަކަށް ހަމަޖެއްސުން.
  • ޝަރުތު ހަމަނުވާ އަދި މަގާމަށް ކުރިމަތިލާން ރުހުން ނުދޭ މެންބަރުން ދާއިރާތަކުގެ ރައީސުންނަށް ހަމަޖެއްސުން.

މީގެ އިތުރުން، ވޯޓުލުމަށް ބޭނުންކުރާ މޯބައިލް އެޕްލިކޭޝަނާ މެދު ވެސް އިކްރާމް ވަނީ ސުވާލު އުފައްދާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އައިސީޓީ މާހިރުންގެ ޓީމަކުން ބެލިބެލުމުން، އެ އެޕްލިކޭޝަނަކީ ޕާޓީގެ އޮފީހުގައި ތިބެގެން ބޭނުން ގޮތަކަށް ވޯޓަށް ބަދަލު ގެނެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެއްކަން އެނގިފައިވެއެވެ. ނަމަވެސް އަދާލަތު ޕާޓީން ބުނަނީ ބޭނުންކުރަނީ އިތުބާރު އޮތް 'ފަހި ވޯޓު' ސިސްޓަމް ކަމަށެވެ.

މި މައްސަލަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުން، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކަންކަން ކުރުމަށް އެ ކޮމިޝަނުން ޕާޓީއަށް އަންގާފައިވާ ކަމަށް އިކްރާމް ވިދާޅުވިއެވެ. އެކަމަކު ޕާޓީގެ އިދާރާއިން އެ އެންގުމަށް އެއްވެސް ސަމާލުކަމެއް ނުދީ، ހަރުކަށިކަން ދައްކަމުންދާތީ، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓުން ނަން ނަންގަވައި، އިންތިޚާބު ބޮއިކޮޓް ކުރަން ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450