Ads by Stelco

ޚަބަރު

ރޯދަމަހަށް ޚާއްޞަކޮށް މާލެ ސަރަޙައްދުގައި ދިވެހި ދަނޑުވެރިންނަށް ވަގުތީ މާރުކޭޓެއް ގާއިމް ކުރަނީ

ރޯދަމަހަށް ޚާއްޞަކޮށް މާލެ ސަރަޙައްދުގައި ދިވެހި ދަނޑުވެރިންނަށް ވަގުތީ މާރުކޭޓެއް ގާއިމް ކުރަނީ

މާލޭގެ މާރުކޭޓެއް. ފޮޓޯ: ސަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖެނުއަރީ 2026، 05:18

21 ޖެނުއަރީ 2026، 05:18

ކުރިއަށް އޮތް ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހަކަމާއެކު ހަމަ އަގުގައި ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ގާއިމްކުރުމުގެ މަސައްކަތް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

މި މަސައްކަތަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫއެކެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، މި މާރުކޭޓުގެ މައިގަނޑު މަގްސަދަކީ ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް ވިއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ. މިއީ ހާއްސަކޮށް ރޯދަ މަހަށް އަމާޒުކޮށްގެން ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމަށް މާލެ އަންނަ ދަތުރުވެރިންނަށް ހާއްސަ ކުރެވިފައިވާ ތަނެކެވެ.

އަތޮޅުތަކުގެ ދަނޑުވެރި ރަށްރަށުން އެ ރަށްރަށުގެ އުފެއްދުންތައް މި މާރުކޭޓުގައި ވިއްކުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިކަމަށް ޝައުގުވެރިވާ ރަށްރަށުގެ ކައުންސިލްތަކުން އެ ރަށެއްގެ ދަނޑުވެރިންނާ ގުޅިގެން، ޖެނުއަރީ 29 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ. ފޯމު ހުށަހަޅާނީ [email protected] އީމެއިލް މެދުވެރިކޮށެވެ.

އެވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މާރުކޭޓަށް ތަކެތި ވައްދަން ފެށޭނީ ފެބްރުއަރީ 15 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެންނެވެ. މި މާރުކޭޓުގައި ވިއްކޭނީ ހަމައެކަނި ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީ އެކަންޏެވެ.

މި މާރުކޭޓުގައި ތަކެތި ވިއްކުމުގައި ހަރުކަށި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ރިހާކުރާއި އަސާރަ ފަދަ ތައްޔާރީ ކާބޯތަކެއްޗާއި، އިމްޕޯޓްކޮށްފައިވާ އެއްވެސް ބާވަތެއްގެ ކާބޯތަކެތި ވިއްކުމަކީ މަނާކަމެކެވެ. މީގެ އިތުރުން، ގޮޅިތަކުގައި ތަކެތި ވިއްކުމަށް ބިދޭސީން ބޭތިއްބުމަކީވެސް މަނާކަމެއް ކަމަށް އެ ވުޒާރާއިން ވަނީ އަންގާފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި 3309390 ނުވަތަ 3309394 ނަންބަރާ ގުޅުމަށް ވުޒާރާއިން ވަނީ އެދިފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450