ޚަބަރު
އެފްޑީސީ އިން އަޅާފައިވާ 4000 ފްލެޓަށް ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯ އިން ނިންމާލައިފި
އެފްޑީސީ އިން އަޅާފައިވާ 4000 ފްލެޓްގެ ކަރަންޓުގެ މަސައްކަތް ސްޓެލްކޯއިން ނިންމާލުން. ފޮޓޯ: ސްޓެލްކޯ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ފްލެޓްތަކަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސްޓެލްކޯއިން ނިންމާލައިފިއެވެ. މިއީ އެ ސަރަހައްދުގައި އަލަށް އާބާދުވާ ފަރާތްތަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ނިންމާލެވުނު މުހިންމު މަސައްކަތެކެވެ.
ސްޓެލްކޯއިން ވިދާޅުވީ، މި މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރުން، ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މި މަސައްކަތް ނިމުމާއެކު، ފްލެޓްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ސްޓެލްކޯގެ ފަރާތުން ވާންޖެހޭ ތައްޔާރީތައް ވަނީ ނިމިފައެވެ.
މި ފްލެޓުތަކަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އިންޑިއާގެ އެގްޒިމް ބޭންކުގެ ބޮޑު ލޯނެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 32 ޓަވަރު ބިނާކުރަމުންދާއިރު، މީގެ ތެރޭގައި ހިމެނެނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1,200 އެޕާޓްމަންޓާއި، 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2,800 އެޕާޓްމަންޓެވެ.
މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) ގުޅިގެންނެވެ. މީގެ ތެރެއިން ކޮންމެ ކުންފުންޏަކުން 16 ޓަވަރުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސްޓެލްކޯއިން ކަރަންޓުގެ މަސައްކަތްތައް ނިންމާލުމަކީ މި ފްލެޓްތައް ބޭނުންކުރަން ފެށުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.