ޚަބަރު
ތެލެސީމިޔާ އެލަވަންސް މިމަހު ލިބޭނީ ދަފްތަރުގައި މިއަދާ ހަމަޔަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް
ތެލެސީމިޔާ ބަލީގެ އެލަވަންސް މިމަހު ލިބޭނީ މިއަދާ ހަމައަށް ދަފްތަރުގައި ރެޖިސްޓަރީ ވެފައިވާނަމަ
ތެލެސީމިއާ ދަފްތަރުގައި މިއަދުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މިމަހުގެ އެލަވަންސް ލިބޭނެ ކަމަށް ތެލެސީމިއާ އެންޑް އަދާ ހިމޮގްލޮބިންނޯޕަތީސް ސެންޓަރުން ހާމަކޮށްފިއެވެ.
މިއީ ތެލެސީމިއާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަލަށް ތައާރަފްކުރި އެލަވަންސެކެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ތެލެސީމިއާ ސެންޓަރުގެ ޕަބްލިކް ކޯޑިނޭޓާ އަހުމަދު އަސްފާން ވިދާޅުވީ، ޖެނުއަރީ މަހުގެ 22 ގެ ނިޔަލަށް ރަޖިސްޓްރީވެ، އެލަވަންސަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް މި މަހުގެ އެލަވަންސް ޖަމާކުރަމުން ގެންދާނެ ކަމަށެވެ. އަސްފާން ފާހަގަކުރެއްވި ގޮތުގައި މިއީ މުޅިން އަލަށް ދޭ އެލަވަންސެއް ކަމުން، އެކަމަށް ތައްޔާރުވުމަށް ވަގުތު ބޭނުންވެއެވެ.
މި އެލަވަންސް ދިނުމާ ގުޅޭ ގަވާއިދު 31 ޑިސެމްބަރު 2025 ގައި ގެޒެޓުކޮށްފައިވާއިރު، ގަވާއިދުގައިވާ ގޮތުން 1 ޖެނުއަރީން ފެށިގެން މި އެލަވަންސް ދޭން ފަށާނެއެވެ. އާންމު އުސޫލެއްގެ ގޮތުން ކޮންމެ މަހެއްގެ 15 ގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެ މަހުގެ އެލަވަންސް ލިބޭނެ ނަމަވެސް، މިއީ ފަށާ މަސް ކަމަށްވާތީ މި މަހުގެ 22 އާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ތެލެސީމިއާ ސެންޓަރުން ޑރ. މަރިޔަމް ޖޫދާ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް މޯލްޑިވިއަން ބްލަޑް ސާވިސްގައި 973 ކުދިން ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 650 ކުދިންނެވެ. ނަމަވެސް މި ޖެނުއަރީ މަހު އިތުރު ކުއްޖަކު ރަޖިސްޓްރީވުމާއެކު މިހާރު މި އަދަދު ވަނީ 651 އަށް އަރާފައެވެ.
ޑރ. ޖޫދާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ނިސްބަތުން ތެލެސީމިއާ ކުދިން އިތުރުވާ މިންވަރަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ތަފާސްހިސާބުތަކަށް ބަލާއިރު 2023 ވަނަ އަހަރު 11 ކުދިން އަދި 2024 ވަނަ އަހަރު 18 ކުދިން ވަނީ އަލަށް ދަފްތަރުގައި ރަޖިސްޓްރީކޮށްފައެވެ.
ސަރުކާރުން ނިންމާފައިވަނީ ތެލެސީމިއާ ކުދިންނަށް މަހަކު 2,000 ރުފިޔާގެ އެލަވަންސެއް ދިނުމަށެވެ. މިއީ އެ ކުދިންގެ ފަރުވާއަށް ރަށްރަށުން ދަތުރުކުރުމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް އެހީތެރިވުމުގެ ގޮތުން ދޭ އެލަވަންސެކެވެ. ތެލެސީމިއާ ސެންޓަރުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި މި ބަލި ޖެހޭ ކުދިންގެ އަދަދު މަދުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމާއި، ރާއްޖެއިން ފަރުވާ ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމެވެ.