Ads by Stelco

ޚަބަރު

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ %36.6 މަސައްކަތް ނިމިއްޖެ

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ %36.6 މަސައްކަތް ނިމިއްޖެ

ހއ.ދިއްދޫ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޖެނުއަރީ 2026، 02:49

22 ޖެނުއަރީ 2026، 02:49

ހއ. ދިއްދޫ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢުގެ ދަށުން މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކައި، މުޅި މަޝްރޫޢުގެ %36.61 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ދިއްދޫގައި އެއަރޕޯޓް ތަރައްޤީކުރުމާއި ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަހުގެ 5 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގައި ޖުމުލަ 115 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް ނިމުމުން، މިހާރު އޮތް ދިއްދޫގެ ބިމުގެ ބޮޑުމިން ދެ ގުނައަށް އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް ބޭނުންކުރަނީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެކެވެ. "ލެއިވް އެރިކްޝަން" ނަމަކަށް ކިޔާ މި ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރަކީ 46,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި އުޅަނދެކެވެ. މިއީ ރާއްޖޭގެ ބިން ހިއްކުމުގެ މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރުން ގެނައި ތިންވަނަ ޑްރެޖަރެވެ.

ދިއްދޫގެ ރަޖިސްޓްރީވެފައިވާ އާބާދީއަކީ 5,000 ކަމަށްވީ ނަމަވެސް، ތަޢުލީމާއި ޞިއްޙީ ފަރުވާ ފަދަ ޚިދުމަތްތަކަށް އެ ރަށަށް ހިޖުރަކޮށްފައިވާ މީހުންނާއެކު ރަށުގައި ދިރިއުޅޭ އާބާދީ 7,000 އަށް އަރައެވެ. ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ގޮތުގައި އޮތް ދިއްދޫގެ ބިން ހިއްކުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސަރަޙައްދުގެ ރައްޔިޓުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެކެވެ.

ސަރުކާރުން ވިދާޅުވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ އެއަރޕޯޓާއެކު ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުއިފަސޭހަކަމެއް ލިބި، މުޅި ސަރަޙައްދުގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެއެވެ. އަދި މިއީ ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450