ދުނިޔެ
ލަންކާގައި ކުރިޔަށްގެންދިޔަ ބޮޑު އޮޕަރޭޝަންގައި 4000 ކިލޯއަށް ވުރެ ގިނަ މަސްތުވާ ތަކެތި ހޯދައިފި
ސްރީ ލަންކާގައި ކުރިޔަށްގެންދާ އޮޕަރޭޝަންގެ ތެރެއިން---
ފަރުދުން
25 ޖެނުއަރީ 2026، 10:28
25 ޖެނުއަރީ 2026، 10:28
ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ސްރީ ލަންކާގައި ކުރިޔަށްގެންދިޔަ އޮޕަރޭޝަންގައި މިހާތަނަށް 4000 ކިލޯއަށް ވުރެ ގިނަ މަސްތުވާ ތަކެތި ހޯދާފައިވާކަމަށް އެ ޤައުމުގެ ފުލުހުން ހާމަކޮށްފިއެވެ.
ސްރީ ލަންކާގެ ސަރުކާރުން މިދިޔަ އަހަރުގެ އޮކްޓޫބަރު 30ގައި ''ރަޓަމާ އެކަޓަ'' ނަމުގައި ފެށި މި އޮޕަރޭޝަނަކީ ޑްރަގުގެ ވަބާއާ ދެކޮޅަށް ފެށި ބޮޑު އޮޕަރޭޝަނެކެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ އޮޕަރޭޝަންގައި ހޮނިހިރު ދުވަހާ ހަމަށް އެކި ސަރަޙައްދުތަކުން 77،824 ތަނެއް ރެއިޑްކޮށް 77،105 މީހުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އަދި ހައްޔަރު ކުރި މީހުންގެ ތެރެއިން 68 މީހެއްގެ މުދާ ހިފަހައްޓައި ތަޙުޤީޤު ކުރަމުން އަންނަ އިރު 1،582 މީހެއްގެ މައްސަލަވެސް އަންނަނީ ތަޙުޤީޤު ކުރަމުންނެވެ.
އޮޕަރޭޝަން ''ރަޓަމާ އެކަޓަ'' ގައި މިހާތަނަށް 320 ކިލޯގެ ހެރޮއިންގެ އިތުރުން 1،280 ކިލޯގެ އައިސް އާއި ހަ ކިލޯ ކޮކޭންގެ އިތުރުން 2،341 ކިލޯ ކެނަބިސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މީގެ އިތުރުން 155 ކިލޯ ކުޝްގެ އިތުރުން 44 ކިލޯ ހަޝިޝް އާއި 132،000 ޕާޓީ ޕިލްސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
އަދި 5.5 މިލިއަން ކެނަބިސް ގަސް ވެސް ފުލުހުންގެ ބެލުމުގެ ދަށުން ނައްތާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަންގައި އެތައް ހާސް ބަޔަކު އެއްފަހަރާ ހައްޔަރުކުރުމާ ގުޅިގެން އެ ޤައުމުގެ ޖަލުތައް ފުރިފައިވާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ޖަލުތަކުގެ ކެޕޭސިޓީއަށްވުރެ ގިނަ މީހުން މިހާރު ތިބީ ބަންދުކޮށްފައެވެ.