ޚަބަރު
ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އެއްބަސްވުމެއް!
އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ވުޒާރާ
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހުނަރުވެރިކަމުގެ މަސައްކަތްތައް ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އެއްބަސްވުމެއް އެކުލަވާލައިފި އެވެ.
މި އެއްބަސްވުން އެކުލަވާލާފައިވަނީ ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި މޯލްޑިވްސް ޕޮލިޓެކްނިކްއާ ދެމެދުއެވެ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މިހާރު ހިންގަމުން އަންނަނީ ޞިއްޙީ ވުޒާރާގެ ދަށުން ކަމަށްވާއިރު، މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އާމިނަތު އިސްމާޢީލެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ ސީއީއޯ ޒޫޝާން ކަމާލުއްދީނެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެހީތެރިކަން ދިނުމުގެ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން، ކ. ގުރައިދޫގައި ހުންނަ މަރުކަޒުގައި ހުނަރުވެރި މަސައްކަތްތައް ދަސްކޮށްދިނުމުގެ ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
އެގޮތުން، ކޭކު ކޯސް، ގަސް ހެއްދުމުގެ ޕްރޮގްރާމް، ކަރަންޓު މަސައްކަތްތައް، ފޮޓޯގްރަފީ ފަދަ ދާއިރާތަކުން 3 ހަފްތާގެ ކުރު ތަމްރީން ޕްރޮގްރާންތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް ޞިއްޙީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ ފަރުވާގެ ޕްރޮގްރާމް ނިންމާފައިވާ މީހުންނާއި އަދި ފަރުވާގެ އެކި ޕްރޮގްރާމްތަކުގައި މިހާރުވެސް އުޅެމުންދާ މީހުންނަށް ކަމަށެވެ.
ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރުވެސް 198 މީހުން ބަލަހައްޓަމުންދާއިރު، މި ޕްރޮގްރާމްތަކަކީ އެއްވެސް ފީއަކާ ނުލާ ކުރިއަށްގެންދާ ޕްރޮގްރާމްތަކެއްކަން ފާހަގަކޮށްލެވެއެވެ.