ޚަބަރު
ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ކީރިތި ޤުރުއާން ހިތުދަސްކޮށްދޭ ޙިފްޒު ކްލާސްތައް ރަސްމީކޮށް ފަށައިފި
ކްލާސްތައް ފެށުން/ފޮޓޯ: ވުޒާރާ
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ހިންގުމުގެ ދަށުން، ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދާ ކީރިތި ޤުރުއާން ހިތުދަސްކޮށްދޭ ޙިފްޒު ކްލާސްތައް ރަސްމީކޮށް ފަށައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއން ވިދާޅުވީީ، ދިއްދޫގައި ދާދިފަހުން ހުޅުވުނު އިސްލާމީ މަރުކަޒުގައި ފެށިގެން މިދިޔަ ކްލާސްތަކަކީ، އެ ރަށާއި އެ ސަރަޙައްދުގެ ދަރިވަރުންނަށް ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަގު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ކުލާސްތަކެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި ޙާފިޡުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، ދީނީ ޢިލްމާއި މަޢުލޫމާތު ފެތުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަން އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ތަރުބިއްޔަތާއި ދީނީ ޢިލްމު ފެތުރުމަށް ދެއްވާ އަހަންމިއްޔަތުކަމުގެ ދަށުން، އަތޮޅުތެރޭގައި ހުރި އިސްލާމީ މަރުކަޒުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނިންމަވާފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، ދިއްދޫ އިސްލާމީ މަރުކަޒުގައި އިއްޔެ ފެށި މި ކްލާސްތަކުގެ ސަބަބުން، ދިއްދޫގެ ދަރިވަރުންނަށް ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ގޮތެއްގައި ޤުރުއާން ހިތުދަސްކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި މިފަދަ ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިއީ އިސްލާމީ މަތިވެރި އުޞޫލުތައް ނެގެހެއްޓުމަށާއި، މުޖުތަމަޢުގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ރޫހު އާލާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.