ދުނިޔެ

މިޔަންމާގައި ސްކޭމް ސެންޓަރުތައް ހިންގި ހަތަރު މީހަކު ޗައިނާއިން މަރާލައިފި

މިޔަންމާގައި ސްކޭމް ސެންޓަރުތައް ހިންގި ހަތަރު މީހަކު ޗައިނާއިން މަރާލައިފި

ފަޤީރު ޤައުމުތަކުން ވަގަށް މީހުން އެތެރެކޮށް ސްކޭމް ސެންޓަރުތަކުގައި މަސައްކަތް ކުރުމަށް މަޖުބޫރުކުރޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ފެބްރުއަރީ 2026، 05:43

02 ފެބްރުއަރީ 2026، 05:43

މިޔަންމާގައި ބޮޑެތި ސްކޭމްތަކާއި ޖޫވާގެ ވިޔަފާރިތައް ހިންގައި، ޗައިނާގެ ހަ ރައްޔިތަކު މަރުވުމަށް މެދުވެރިވި މައްސަލައިގައި ކުށްވެރިވި ހަތަރު މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ އަދަބު ޗައިނާއިން ތަންފީޒުކޮށްފިއެވެ.

 މި ހަތަރު މީހުންނަކީ 4 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ ސްކޭމް އޮޕަރޭޝަންތަކެއް ހިންގި މީހުންނެވެ.

ދެކުނު ޗައިނާގެ ޝެންޒެން އިންޓަރމީޑިއަޓް ޕީޕަލްސް ކޯޓުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި މި މަރުގެ އަދަބު ތަންފީޒުކުރިކަން އިއުލާނުކުރި ނަމަވެސް، އެކަން ކުރި ސީދާ ވަގުތެއް ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، މިޔަންމާގައި ސްކޭމް ސެންޓަރުތައް ހިންގި އިތުރު 11 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ އަދަބު ވެސް މިދިޔަ ހަފްތާގައި ވަނީ ތަންފީޒުކޮށްފައެވެ.

ކޯޓުން ހާމަކޮށްފައިވާ ގޮތުގައި، މި ގްރޫޕުން ވަނީ ޗައިނާއާ ބޯޑަރު ހިއްސާކުރާ މިޔަންމާގެ ކޮކަންގް ސަރަހައްދުގައި އިންޑަސްޓްރިއަލް ޕާކުތަކެއް ގާއިމުކޮށް، އެތަންތަނުގައި ޖޫވާ ކުޅުމާއި، މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން މީހުން ރަހީނުކުރުމާއި، ފައިސާ ފޭރުމާއި، މަޖުބޫރުން ހަށިވިއްކުވުމުގެ އިތުރުން މަސްތުވާތަކެތި އުފައްދައި އޭގެ ވިޔަފާރިކުރުމުގެ ތުހުމަތު ވެސް މި ގްރޫޕްގެ މައްޗަށް ވަނީ ކުރެވިފައެވެ.

މި ނެޓްވޯކުން ޖުމްލަ 29 ބިލިއަން ޔުއާން (4.2 ބިލިއަން ޑޮލަރު) އަށް ވުރެ ގިނަ ފައިސާ މަކަރާއި ހީލަތުން ހޯދާފައިވާ ކަމަށް ކޯޓުން ބުނެއެވެ. ކޯޓުގެ ބަޔާނުގައި ބުނެފައިވަނީ "މި މީހުންގެ ކުށްތަކަކީ އިންތިހާއަށް ނުބައި، އަދި އޭގެ ނަތީޖާ މުޖުތަމައަށް ވަރަށް ބޮޑަށް ނުރައްކާވި ކަންތައްތަކެއް" ކަމަށެވެ. މި މައްސަލައިގައި ހިމެނޭ މީހުން ހުކުމް އިސްތިއުނާފު ކުރި ނަމަވެސް، ގުއަންގްޑޮންގް ޕްރޮވިންޝަލް ހައި ޕީޕަލްސް ކޯޓުން ވަނީ އެ ހުށަހެޅުންތައް ބޭރުކޮށްލާފައެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި، ހާއްސަކޮށް މިޔަންމާ، ކެމްބޯޑިއާ އަދި ލާއޯސްގައި ފުޅާދާއިރާއެއްގައި ހިންގާ ސްކޭމް ސެންޓަރުތަކާ ދެކޮޅަށް ޗައިނާއިން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މި ސެންޓަރުތައް ހިންގަނީ ޗައިނާގެ ކުށްވެރިވާ ގްރޫޕްތަކުން މިޔަންމާގެ ހަތިޔާރު އެޅި ޖަމާއަތްތަކާ ގުޅިގެންނެވެ.

މިފަދަ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުންނާއި ޗައިނާއިން މިޔަންމާގެ އަސްކަރީ ސަރުކާރަށް ދަނީ ޕްރެޝަރު ކުރަމުންނެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މިޔަންމާ އާއި ތައިލެންޑް ބޯޑަރުގައި އޮންނަ ކޭކޭ ޕާކް ނަމަކަށް ކިޔާ ސްކޭމް ސެންޓަރަކަށް އަސްކަރިއްޔާއިން އަރައި 2،000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450