Ads by Stelco

ޚަބަރު

މަތީ ތަޢުލީމު އުގެނޭ ދަރިވަރުންނަށް ދޭ ޚިދުމަތްތައް ރަނގަޅުކުރުން އެކުލަވާލި “ކުރި” މެނޭޖްމަންޓް ސިސްޓަމް އިފްތިތާޙްކޮށްފި

މަތީ ތަޢުލީމު އުގެނޭ ދަރިވަރުންނަށް ދޭ ޚިދުމަތްތައް ރަނގަޅުކުރުން އެކުލަވާލި “ކުރި” މެނޭޖްމަންޓް ސިސްޓަމް އިފްތިތާޙްކޮށްފި

"ކުރި" މެނޭޖްމަންޓް ސިސްޓަމް އިފްތިތާޙްކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ފެބްރުއަރީ 2026، 01:00

03 ފެބްރުއަރީ 2026، 01:00

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމް "ކުރި" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ނިޒާމް އިފްތިތާހުކޮށްދެއްވީ މަތީތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދެވެ.

މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، "ކުރި" ނިޒާމަކީ މަތީ ތަޢުލީމީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މިއީ ތަޢުލީމީ ދާއިރާގައި ކުރެވޭ މަސައްކަތްތައް ޒިންމާދާރުކަމާއިއެކު ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި ޚިދުމަތްދޭ ފަރާތްތަކަށް ލިބިގެންދާނެ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި އެ ވުޒާރާއިން ސިފަކުރައްވައެވެ. މި ނިޒާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ދަރިވަރުން މެދުވެރިކޮށް މި ނިޒާމް ބޭނުންކުރާނެ ގޮތުގެ މުހިންމު ތަފްސީލުތައް ވަނީ ދައްކާލާފައެވެ.

މި ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަމުން މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރެއް ކަމުގައިވާ އިޔާން ޝަރީފް ބުނީ، މިއީ ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ނިޒާމެއް ކަމަށެވެ. އަދި މި ނިޒާމާއިއެކު ޓްރާންސްޕޭރެންސީ ޔަޤީންކުރެވި، ދަރިވަރުން މީގެކުރިން އުފުލަމުން ދިޔަ ތަކުލީފުތަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރިއެވެ.

އިޔާން އިތުރަށް ބުނީ، "ކުރިން ގިނަ ރިކުއެސްޓްތައް ކުރަން މިޖެހެނީ އީމެއިލްގެ ޒަރިއްޔާއިން. އަޅުގަނޑުމެންނަކީ ރާއްޖެއިން ބޭރުގައި ތިބޭ ބަޔަކަށް ވުމާއިއެކު މިނިސްޓްރީއަށް ގޮސް މައުލޫމާތު އޮޅުންފިލުވުމަކީ އުނދަގޫކަމެއް. ޚާއްސަކޮށް ކުރިން ހުށައަޅާފައިވާ ކަންކަމުގައި މިސާލަކަށް ލޯނު ޕޭމެންޓެއް މިހާރު އިނީ ކޮން ސްޓޭޖެއްގަތޯ ފެނިގެންދިއުން. ތަކުރާރުކޮށް އީމެއިލްނުކޮށް އެއްތަނަކުން ފެނިގެންދިއުން މިއީ ލިބިގެންދިޔަ ފަސޭހައެއް،" ކަމަށެވެ.

ސަރުކާރުން މި ނިޒާމު ފަރުމާކޮށްފައިވަނީ ދަރިވަރުންގެ ބޭނުންތަކަށް އިސްކަންދީ، އިތުބާރުހުރި އަދި ހަލުވި ތައުލީމީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ. މީގެއިތުރުން، މި ނިޒާމަކީ ދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރާނެ ނިޒާމެއް ކަމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450