Ads by Stelco

ޚަބަރު

ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި

ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި

ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަނުކުރުން / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

08 ފެބްރުއަރީ 2026، 09:54

08 ފެބްރުއަރީ 2026، 09:54

ދިވެހިރާއްޖޭގެ ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފިއެވެ. އެގޮތުން ހައިކޯޓުގެ ފަނޑިޔާރުކަމަށް 2 ފަނޑިޔާރުން އައްޔަންކޮށްފައިވާއިރު، ކްރިމިނަލް ކޯޓަށް އައްޔަންކޮށްފައި ވަނީ އެއް ފަނޑިޔާރެވެ.

ހައިކޯޓުގެ ފަނޑިޔާރުންނަށް އައްޔަންކުރީ އަލްއުސްތާޛު ޢަބްދުލްރައޫފު އިބްރާޙީމް އާއި އަލްއުސްތާޛު އިސްމާޢީލް ޝަފީޢުއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވަނީ އަލްއުސްތާޛު އަޙްމަދު ނިޔާޒުއެވެ.

މި މަޤާމުތަކަށް މަޤާމުގެ ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި އެ ކޯޓުގެ ފަނޑިޔާރު ޢަބްދުالله ޙަމީދުއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި އަލްއުސްތާޛު ޢަބްދުލްރައޫފު އިބްރާޙީމް ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ (އޮނާރސް) ޙާސިލްކުރައްވާފައެވެ. އަދި ޝަރުޢީ ދާއިރާގައި 16 އަހަރަށްވުރެ ދިގު މުއްދަތަކަށް ޙިދުމަތް ކުރައްވާފައިވާއިރު، ޢަބްދުލްރަޢޫފު ވަނީ 2011 މާރިޗް 26 އިން 2022 މޭ 31 އާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ. 

އަލްއުސްތާޛު ޢަބްދުލްރައޫފު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އަލުން އައްޔަން ކުރެވުނުއިރު ހުންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީނިއަރ ލީގަލް ކައުންސެލްގެ މަޤާމުގައެވެ. މީގެ އިތުރުން ޢަބްދުލްރައޫފު ވަނީ އެޓަރނީ ޖެނެރަލް އޮފީހުގެ ލީގަލް އެސިސްޓެންޓްގެ މަޤާމާއި، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަންގެ ލީގަލް ކައުންސެލްގެ މަޤާމާއި، ސިވިލް ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާރގެ މަޤާމާއި އަދި ސްޓޭޓް އިލެކްޓްރިކް ކޮންޕެނީގެ ލީގަލް ކޮންސަލްޓެންޓްގެ މަޤާމު ވެސް ފުރުއްވާފައެވެ.

ހައިކޯޓަށް ދެން އައްޔަންކުރެއްވި އަލްއުސްތާޛު އިސްމާޢީލް ޝަފީޢު ވަނީ އިނގިރޭސި ވިލާތުގެ ކާރޑިފް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ (އޮނާރސް) ޙާސިލްކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 07 އަހަރަށްވުރެ ދިގު މުއްދަތަކަށް ޙިދުމަތް ކުރައްވާފައިވާ، އަލްއުސްތާޛު އިސްމާޢީލް ޝަފީޢު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނު އިރު ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުގައެވެ. 2021 ސެޕްޓެންބަރު 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކޮށްފައިވާ އަލްއުސްތާޛު އިސްމާޢީލް ޝަފީޢު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމު ފުރުއްވާފައެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި އަލްއުސްތާޛު އަޙްމަދު ނިޔާޒު ވަނީ ވިލާ ކޮލެޖް އިން ބެޗްލަރ އޮފް ލޯ (އޮނާރސް) ޙާސިލްކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ޙިދުމަތް ކުރައްވާފައިވާ، އަލްއުސްތާޛު އަޙްމަދު ނިޔާޒު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނު އިރު ހުންނެވީ ލ.ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައެވެ. އަލްއުސްތާޛު އަޙްމަދު ނިޔާޒު މެޖިސްޓްރޭޓްކަމަށް ޢައްޔަންކޮށްފައިވަނީ 2013 ނޮވެންބަރު 13 ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450