Ads by Stelco

ޚަބަރު

ކަޅުތުއްކަލާކޮށީގައި ކުރިއަށްގެންދާ މަޝްރޫޢުއާއެކު ސިފައިންގެ އެކަމަޑޭޝަންގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ: ވަޒީރު ޣައްސާން

ކަޅުތުއްކަލާކޮށީގައި ކުރިއަށްގެންދާ މަޝްރޫޢުއާއެކު ސިފައިންގެ އެކަމަޑޭޝަންގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ: ވަޒީރު ޣައްސާން

ދިފާޢީ ވަޒީރު ޣަައްސާން މައުމޫން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ފެބްރުއަރީ 2026، 11:17

08 ފެބްރުއަރީ 2026، 11:17

ކަޅުތުއްކަލާކޮށީގައި ކުރިއަށްގެންދާ މަޝްރޫޢުއާއެކު ސިފައިންގެ އެކަމަޑޭޝަންގެ މައްސަލައަށާއި އިދާރީ ހިންގުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢަކީ މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި، މި އަހަރުގެ ތެރޭގައި ފަށާނެކަމަށް އިޢުލާންކުރެއްވި މުހިއްމު ޢުމްރާނީ ތަރައްޤީގެ މަސައްކަތެކެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޣައްސާން ވިދާޅުވީ، ސިފައިންގެ އިމާރާތްތަކާއި ލޮޖިސްޓިކްސް އަދި އެކަމަޑޭޝަންގެ ޙާލަތު މިހާރު ހުރީ އެންމެ ހިތްހަމަޖެހޭ ފެންވަރެއްގައި ނޫން ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި 2000 ވަނަ އަހަރުގެ ފަހުން ސިފައިންގެ ޢުމްރާނީ ބިނާތަކުގެ އާބާތުރަ ފިލުވުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.

މާލެ ސަރަޙައްދުގައި ގިނަ އަދަދެއްގެ ސިފައިން ޚިދުމަތް ކުރަމުންދާއިރު، އެކި ސަރަޙައްދުތަކުން އަންނަ ޒުވާން ސިފައިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަމިއްލައަށް ކުއްޔަށް ތަންތަން ހިފައިގެން އުޅެންޖެހުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ކަޅުތުއްކަލާކޮށީގެ އައު މަޝްރޫޢާއެކު މިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

"މިއަހަރު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަޅުތުއްކޮލާކޮށީގައި ކުރިއަށްގެންދާ މަޝްރޫޢުގެ ސަބަބުން މިފަދަ މައްސަލަތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. ސިފައިންގެ އެކަމަޑޭޝަންގެ މައްސަލައަށާއި އިދާރީ ހިންގުމަށާއި ލޮޖިސްޓިކްއަށް ބޮޑުތަނުން ފަސޭހަތަކެއް ލިބިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

ސިފައިންގެ ތަމްރީންތަކަށް ބޭނުންވާ ވަޞީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ގިރިފުށީގެ ޓްރެއިނިން ސެންޓަރު ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ. މި މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ޖޫން މަހުގެ ކުރިން ނިންމާނެ ކަމަށާއި، އެއާއެކު ޒަމާނީ ޓްރެއިނިން ފެސިލިޓީއެއް ތަރައްޤީކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައިވާ ފަދައިން އެމް.އެން.ޑީ.އެފް.ގެ އައްޑޫ ޓްރޭނިންގ ސެންޓަރ އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްދަނީ ސިފައިންގެ ސަރވިސް ކޯގެ މިލިޓަރީ އިންޖިނިއަރސްގެ ބެލުމުގެ ދަށުން، ދައުލަތަށް ބުރަ ނުވާނެހެން އިޤްތިޞާދީ ގޮތުން ފައިދާހުރި ގޮތަކަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450