ދުނިޔެ
އިޒްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މި ހަފްތާގައި ޓްރަމްޕާ ބައްދަލުކުރަނީ
ނަތަންޔާހޫ އާއި ޓްރަމްޕް
ޣައްޒާގައި ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކާ ގުޅިގެން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ހޯދަން ބޭނުންވެފައިވާ އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށް މި ހަފްތާގެ ބުދަ ދުވަހު އެމެރިކާއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
މިއީ ޓްރަމްޕްގެ ދެވަނަ ދައުރުގައި ނަތަންޔާހޫ އެމެރިކާއަށް ކުރާ ހަތްވަނަ ދަތުރެވެ.
ނަތަންޔާހޫގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ކުރިން މި މަހުގެ 18 ވަނަ ދުވަހަށް ތާވަލުކުރެވިފައި އޮތް މި ބައްދަލުވުން އަވަސްކޮށްފައިވަނީ ނަތަންޔާހޫގެ އެދުމުގެ މަތިންނެވެ. މި ބައްދަލުވުން އަވަސްކުރަން ނިންމާފައިވަނީ އީރާނާއެކު އެމެރިކާއިން ކުރަމުންދާ މަޝްވަރާތަކަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި ކަމަށް މުހައްލިލުން ގަބޫލުކުރެއެވެ.
މި ދަތުރުގެ ޚަބަރު އައިސްފައިމިވަނީ އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނަރު އޮމާންގައި އީރާނުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި، އެއްބަސްވުމަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އެ މަޝްވަރާތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، މިދިޔަ ޖޫން މަހުގެ ހަނގުރާމައަށްފަހު ނިއުކްލިއާ މައްސަލައިގައި އީރާނުން ދޫދޭން ތައްޔާރަށް އޮތް ކަމަށެވެ.
ނަތަންޔާހޫގެ އޮފީހުން ބުނެފައިވަނީ އީރާނާއެކު ވެވޭ އެއްވެސް އެއްބަސްވުމެއްގައި ބެލިސްޓިކް މިސައިލް އުފެއްދުން ހުއްޓުވުމާއި، އީރާނުން ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުވުން ހިމަނަން ބޭނުންވާ ކަމަށެވެ. އިޒްރާއީލުން ކަންބޮޑުވަނީ އެމެރިކާއިން ހަމައެކަނި ޔުރޭނިއަމް މުއްސަނދިކުރުމާ ގުޅޭ ހަނި އެއްބަސްވުމަކަށް ގޮސްފާނެތީއެވެ.
ވައިޓް ހައުސްގެ އޮފިޝަލަކު އެކްސިއޯސްއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ވޮޝިންޓަނަށް ކުރާ މި ޒިޔާރަތް އަވަސްކޮށްދިނުމަށް އެދިވަޑައިގަތީ ސީދާ ނަތަންޔާހޫއެވެ. މުހައްލިލުން ބުނާ ގޮތުގައި ނަތަންޔާހޫ މަސައްކަތް ކުރައްވަނީ އީރާނުގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކަށް އިޒްރާއީލުން ބޭނުންވާ ބަދަލުތައް ގެނައުމަށެވެ.