Ads by Stelco

ޚަބަރު

ލަންޑަނުގައި ބޭއްވި މުސްލިމް ޓްރެވަލް ޝޯގައި ރާއްޖެ އިޝްތިހާރުކޮށްފި

ލަންޑަނުގައި ބޭއްވި މުސްލިމް ޓްރެވަލް ޝޯގައި ރާއްޖެ އިޝްތިހާރުކޮށްފި

ލަންޑަނުގައި ބޭއްވި މުސްލިމް ޓްރެވަލް ޝޯގައި ރާއްޖެ އިޝްތިހާރުކުރުން. ފޮޓޯ: ވިޒިޓް މޯލްޑިވްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ފެބްރުއަރީ 2026، 05:08

09 ފެބްރުއަރީ 2026، 05:08

ދުނިޔޭގެ ހަލާލް ޓޫރިޒަމް މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށްޓަކައި އިނގިރޭސިވިލާތުގެ ލަންޑަނުގައި ބޭއްވި "މުސްލިމް ޓްރެވަލް ޝޯ 2026" ގައި ރާއްޖެއިން ބައިވެރިވެ، ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

މި މަހުގެ 7 އިން 8 އަށް ލަންޑަންގެ އެކްސެލްގައި ބޭއްވުނު މި މައުރަޒުގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ އިންޓަރނޭޝަނަލް ހަލާލް ޓޫރިޒަމް އޯގަނައިޒޭޝަން (އައި.އެޗް.ޓީ.އޯ) އާއި ވިޒިޓް މޯލްޑިވްސް ގުޅިގެންނެވެ.

ވިޒިޓް މޯލްޑިވްސްއިން ވިދާޅުވި ގޮތުގައި، މި މައުރަޒުގައި ރާއްޖެއިން ވަނީ އިސްލާމީ އުސޫލުތަކަށް ލޯބިކުރާ ފަތުރުވެރިންނަށާއި، ދާއިރާގެ މާހިރުންގެ އިތުރުން އިންވެސްޓަރުންނަށް ރާއްޖޭގެ ފެންވަރު ރަނގަޅު ހަލާލް ފްރެންޑްލީ ފަތުރުވެރިކަމުގެ ޚިދުމަތްތައް ދައްކާލާފައެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ) ގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ މި ހަރަކާތަކީ ބައިނަލްއަޤްވާމީ ހަލާލް ޓޫރިޒަމްގެ ދާއިރާގައި ރާއްޖޭގެ މަޤާމު ވަރުގަދަކުރުމަށް ކުރެވޭ މުހިންމު އިސްތިރާޖީ މަސައްކަތެެއްކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

މުސްލިމް ޓްރެވަލް ޝޯ އަކީ ޔޫރަޕްގައި ބޭއްވޭ މުސްލިމް-ފްރެންޑްލީ ފަތުރުވެރިކަމުގެ އެންމެ ފާހަގަކޮށްލެވޭ އެއް މައުރަޒެވެ. ދުނިޔޭގެ ބާޒާރުގައި 225 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އަގުލަބިއްޔަތެއް އޮތް މި ދާއިރާގެ މި ހަރަކާތުގައި 20،000 އަށްވުރެ ގިނަ ޒިޔާރަތްތެރިންނާއި 200 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވިއެވެ.

 މީގެ ސަބަބުން އިނގިރޭސިވިލާތް، ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ އަދި މެލޭޝިއާ ފަދަ ގައުމުތަކުގެ މުސްލިމް ފަތުރުވެރިންނާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ލަފާކުރެއެވެ.

މި ހަރަކާތުގައި ރާއްޖޭގެ ސްޓޯލް ފާހަގަކުރެވިގެންދިޔައީ ވިޔަފާރީގެ މުއާމަލާތްތަކާއި ރާއްޖެ އިޝްތިހާރުކުރުމުގެ މަރުކަޒެއްގެ ގޮތުގައެވެ. ރާއްޖޭގެ މަތީ ފަންތީގެ މެހެމާންދާރީއާއި، އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ފަތުރުވެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖެއަށް ލިބިފައިވާ ހާއްސަ ގާބިލުކަން މި ހަރަކާތުގައި ވަނީ ދައްކާލާފައެވެ. މީގެ އިތުރުން، ޝޯގެ ކޯ-އެގްޒިބިޓަރުން ކަމަށްވާ ސަން ސިޔާމް، މަންހަޓަން ބިސްނަސް ހޮޓެލް އަދި އޯޝަން ލިލީގެ އެހީތެރިކަމާއެކު، ނަސީބުވެރި ތިން ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.

މި މައުރަޒުގައި ރާއްޖޭގެ ޕެވިލިއަން ފަރުމާކޮށްފައިވަނީ އިސްލާމީ އުސޫލުތަކަށް އިސްކަންދޭ ފަތުރުވެރިންނަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ހާމަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ސަން ސިޔާމް ރިސޯޓުން ވަނީ މުސްލިމުންނާ ގުޅޭ ޚާއްޞަ ވިލާތަކާއި ޚިދުމަތްތަކުގެ މައުލޫމާތު ބައިވެރިންނަށް ހިއްސާކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450