ދުނިޔެ
ހުޅަނގު އައްސޭރި ހިފުމަށް އިޒްރާއީލުން ކުރާ މަސައްކަތް އިސްލާމީ ގައުމުތަކުން ކުށްވެރިކޮށްފި
އިޒްރާއިލް ސިފައިން ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވަނީ
އިޒްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އެ ގައުމުގެ ބާރު ފުޅާކޮށް، އެ ސަރަހައްދަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް އަޅަމުންދާ ފިޔަވަޅުތައް އިސްލާމީ އަށް ގައުމަކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަން ކުށްވެރިކޮށްފައިވަނީ މިޞްރު، އިންޑޮނޭޝިއާ، އުރުދުން، ޕާކިސްތާން، ޤަތަރު، ސަޢުދީ ޢަރަބިއްޔާ، ތުރުކީ އަދި ޔުނައިޓެޑް ޢަރަބް އެމިރޭޓްސް އިންނެވެ.
ސަޢުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކުރި އައު އުސޫލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގާ އަމަލުތަކެއް ކަމަށެވެ. މި އުސޫލުތަކުގެ ދަށުން އިޒްރާއީލުގެ ވަޒަންވެރިންނަށް ހުޅަނގު އައްސޭރިން އަމިއްލަ ބިންތައް ގަތުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، ފަލަސްތީނުގެ އޮތޯރިޓީގެ ބާރު ހިނގާ ސަރަހައްދުތަކުގައި ހުރި ދީނީ ބައެއް ބިނާތަކުގެ ކަންކަން ބެލެހެއްޓުމުގެ ބާރުވެސް އިޒްރާއީލަށް ލިބިގެންދާނެއެވެ.
އިޒްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވިދާޅުވީ، މި ފިޔަވަޅުތަކުގެ ބޭނުމަކީ "އިޒްރާއީލުގެ ބިމުގެ ހުރިހާ ސަރަހައްދެއްގައި އަހަރެމެންގެ މޫތައް ފުންކުރުން" ކަމަށާއި، މިއީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ހިޔާލު ނައްތާލުމަށް ކުރާ ކަމެއް ކަމަށެވެ. މިކަމާ ގުޅިގެން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ މިއީ ހުޅަނގު އައްސޭރި އިޒްރާއީލުގެ ބައެއްގެ ގޮތުގައި ހެދުމަށް ކުރާ ސީދާ މަސައްކަތެއް ކަމަށް ސިފަކުރައްވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އދ. ގެ ސަލާމަތީ މަޖިލީހުން މިކަމަށް ތަދައްޚުލް ވުމަށް ގޮވާލައްވާފައެވެ.
އިސްލާމީ ގައުމުތަކުގެ ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، އިޒްރާއީލުން މަސައްކަތް ކުރަމުންދަނީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބޭރުކޮށް، އައު ގާނޫނީ އަދި އިދާރީ ހަގީގަތްތަކެއް ގާއިމުކުރުމަށް ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ދައުލަތެއް އޮތުމުގެ ހައްގު އޮންނަންޖެހޭނެ ކަމަށް ބަޔާންކޮށް، އިޒްރާއީލުގެ މި ނުރައްކާތެރި އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވަނީ ގޮވާލާފައެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް ވަނީ އިޒްރާއީލުގެ މި ނިންމުން ކުށްވެރިކޮށް، މިއީ ނުބައި މިސްރާބަކަށް އެޅުނު ފިޔަވަޅެއް ކަމަށް ބުނެފައެވެ. ހުޅަނގު އައްސޭރިއަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ މުހިންމު ބައެއް ކަމުގައިވީ ނަމަވެސް، މިހާރުވެސް އެ ސަރަހައްދުގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް 700،000 އަށްވުރެ ގިނަ އިޒްރާއީލު މީހުން ވަޒަންވެރިވެގެން އުޅެއެވެ.