ޚަބަރު
އިމިގްރޭޝަންގެ ކޮރަޕްޝަންގެ މައްސަލައިގައި ހައްޔަރުކުރި އިތުރު އޮފިސަރަކު ކުށަށް އިޢުތިރާފުވެއްޖެ
އިމިގްރޭޝަންގެ ކޮރަޕްޝަންގެ މައްސަލައިގައި ހައްޔަރުކުރި މީހުން---
ފަރުދުން
10 ފެބްރުއަރީ 2026، 01:25
10 ފެބްރުއަރީ 2026، 01:25
މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން، އެ އިދާރާގެ ވަޒީފާގައި ހުރި އިމިގްރޭޝަން އޮފިސަރ އިބްރާޙިމް އަޙުމަދު ކުށަށް އިޢުތިރާފުވެއްޖެއެވެ.
އިބްރާޙިމް އަޙުމަދު ކުށަށް އިޢުތިރާފުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާ 11 މަހަށް ޖަލަށްލުމަށް މިދިޔަ ހަފްތާގައި ޙުކުމްކޮށްފައެވެ.
މި މައްސަލާގައި އިބްރާޙިމް އަޙުމަދުގެ މައްޗަށް 3 ދަޢުވާއެއް ވަނީ އުފުލާފައެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދަޢުވާ އާއި ފޭރުމުގެ ދަޢުވާ އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދަޢުވާއެވެ.
މި ދައުވާތަކަށް ޖަލު ޙުކުމް ލުއިކޮށްދިނުމުގެ ގޮތުން ޖޫރިމަނާ ވެސް ވަނީ ކޮށްފައެވެ.
އިބްރާޙިމް އަޙުމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމްތައް:
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ: އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް؛ އެއިން ޖަލު އަދަބުގެ ގޮތުގައި ދެ މަސް އަދި ބާކީ ބައި 62،400ރ.ގެ ޖޫރިމަނާއަށް ބަދަލުކުރާ ގޮތަށް
- ފޭރުމުގެ ދައުވާ: ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް؛ އެއިން ހަތް މަސް ޖަލު އަދަބުގެ ގޮތުގައި ކަނޑައަޅައި ބާކީ 130،800ރ.ގެ ޖޫރިނަމާއަށް ބަދަލުކުރާ ގޮތަށް އަދި ބިދޭސީ މީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 50،000ރ. ދިނުމަށް
- އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ: އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް؛ އެއިން ދެ މަސް ޖަލު އަދަބުގެ ގޮތުގައި ކަނޑައަޅައި ބާކީ 62،400ރ.ގެ ޖޫރިމަނާއަށް ބަދަލުކުރާ ގޮތަށް އަދި ބިދޭސީ މީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 3،500 ޑޮލަރު ދޭން
މި މައްސަލާގައި ހައްޔަރުކުރި އިމިގްރޭޝަންގެ ހަތަރު އޮފިސަރުންގެ ތެރެއިން، އިބްރާޙިމް އަޙުމަދުގެ ކުރިން ވެސް ދެ އޮފިސަރަކު ކުށަށް އިޢުތިރާފުވެފައި ވެއެވެ.
މި މައްސާލަގައި މިހާރު ހުކުމެއް ނުކުރަނީ ހަސަން ސެހެންޝާހް، ގ. ހެޕީސައިޑް އާއި ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދަށެވެ.