ދުނިޔެ
އަންހެން ކުދިންގެ ތައުލީމަށް ހުރަސްއެޅުމަކީ އިސްލާމްދީނާ ހިލާފު ކަމެއް: މަލާލާ
މަލާލާ ޔޫސުފްޒައި ފޮޓޯ: އިންޓަނެޓް
ނޯބެލް ސުލްހައިގެ އިނާމު ހާސިލްކޮށްފައިވާ މަލާލާ ޔޫސުފްޒާއީ، އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން އަންހެނުންނާއި އަންހެން ކުދިންނާ މެދު ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާ ގުޅިގެން، އެ ގައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ޕްރެޝަރު ކުރުމަށް ގޮވާލައިފިއެވެ.
އަމިއްލަ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި މަލާލާ ބުނީ، އަފްޣާނިސްތާނުގެ ހާލަތަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ހާލަތެއް ކަމަށާއި، ހާއްސަކޮށް އަންހެން ކުދިންގެ ތައުލީމީ ހައްގުތައް ގަސްތުގައި ނިގުޅައިގަންނަމުންދާ ކަމަށެވެ. އޭނާ ސިފަކުރި ގޮތުގައި ތާލިބާނުންގެ މި އަމަލުތަކުގެ ސަބަބުން އެ ގައުމުގެ އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލު ވަނީ ބަނަވެފައެވެ.
މަލާލާ ފާހަގަކުރި ގޮތުގައި، އަފްޣާނިސްތާނުގެ އަންހެން ކުދިންނަށް ސްކޫލްތަކަށް ދިއުން މަނާކޮށްފައިވީ ނަމަވެސް، އެ ކުދިން އުއްމީދު ކަނޑައެއް ނުލައެވެ. އަދި ސިއްރު ސްކޫލްތަކާއި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެން ކުދިން އަންނަނީ ތައުލީމު ހާސިލްކުރަމުންނެވެ. ތައުލީމުގެ އިތުރުން، އަންހެނުންނަށް ވަޒީފާ އަދާކުރުމާއި މިނިވަންކަމާއެކު ބޭރަށް ނިކުމެ އުޅުމުގައި އޮތް ހުރަސްތަކަށް ވެސް މަލާލާ ވަނީ ފާޑުކިޔާފައެވެ.
ތާލިބާނުންގެ މި ނިންމުންތަކަކީ އިސްލާމްދީނުގެ ހަގީގީ އުސޫލުތަކާ ހިލާފު ކަމެއްގެ ގޮތުގައި މަލާލާ ސިފަކުރިއެވެ. އޭނާ ބުނީ ތައުލީމަކީ އީމާންތެރިކަމުގެ މުހިންމު ބައެއް ކަމަށާއި، ދީނުގެ ނަމުގައި އެއްވެސް އަންހެން ކުއްޖަކު ތައުލީމުން މަހްރޫމް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން، އިސްލާމީ ގައުމުތަކާއި ޕާކިސްތާނުން ވެސް މިކަމުގައި ސާފު ފިޔަވަޅުތަކެއް އަޅައި، ތާލިބާނުންގެ އަމަލުތައް ކުށްވެރިކުރުމަށް އޭނާ ގޮވާލިއެވެ.
މީގެ އިތުރުން، އޮކްސްފޯޑް ޔުނިވާސިޓީގެ ލޭޑީ މާގްރެޓް ހޯލްގައި މަލާލާގެ ޝަރަފުގައި ވަނީ އޭނާގެ ފޮޓޯއެއް ބަހައްޓާފައެވެ. މި ފޮޓޯ ބެހެއްޓިފައިވަނީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ފޮޓޯފުޅާ ކައިރީގައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މަލާލާ ވަނީ އަންހެން ކުދިންނަށް ތައުލީމު ހޯދައިދިނުމަކީ މުޅި މުޖުތަމައު ބާރުވެރިކުރުވޭނެ ވަސީލަތެއް ކަމަށް ބުނެފައެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވި މަލާލާގެ މަންމަ ބުނީ، ބޭނަޒީރު ބުއްޓޫ ފަދަ ޝަހުސިއްޔަތެއްގެ ފޮޓޯފުޅުގެ ކައިރީގައި މަލާލާގެ ފޮޓޯ ބެހެއްޓުމަކީ އަންހެން ކުދިންގެ ތައުލީމަށް އޭނާ ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.