ދުނިޔެ
އީރާނުގެ ނިއުކްލިއާ މަޝްވަރާތަކަށްފަހު އެގައުމުގެ އިސް ސަލާމަތީ އޮފިޝަލަކު އޮމާނަށް ވަޑައިގެންފި
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ތެހެރާނާއި ވޮޝިންޓަނާ ދެމެދު އޮމާނުގައި ބޭއްވި މަޝްވަރާތަކަށްފަހު، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ އޮމާނަށް ވަޑައިގެންފި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އަރިސް މުޝީރެއް ކަމަށްވާ ލަރީޖާނީ، މި ދަތުރުފުޅުގައި އޮމާނުގެ ފޮރިން މިނިސްޓަރު ބަދުރު އަލް-ބޫސައިދީ އާއި ސުލްޠާން ހައިޘަމް ބިން ޠާރިގް އަލް ސައީދާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އީރާނުގެ ރަސްމީ ނިއުސް އެޖެންސީ (އިރްނާ) އިން ބުނި ގޮތުގައި މި ބައްދަލުވުންތަކުގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފަހުގެ ކުރިއެރުންތަކާ ބެހޭގޮތުންނާއި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ތެހެރާނުން ރިޕޯޓްކުރަމުން އަލްޖަޒީރާގެ ތާހިދު އަސަދީ ބުނީ، ބައެއް ދިރާސާވެރިން މި ދަތުރުފުޅަކީ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާކަމުގެ އުންމީދީ ނިޝާނެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އޮމާނަކީ މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ މައިގަނޑު ގައުމެވެ.
އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން ބޮޑުވެ، ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، ކުރިމަތިލުމަކަށް ދިޔަ ނުދިނުމަށްޓަކައި އޮމާނުން ވަނީ މިދިޔަ ހަފްތާގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތަކެއް ބާއްވާފައެވެ. މިއީ ސަރަހައްދީ ފެންވަރުގައި ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ނަތީޖާއެކެވެ.
މި މަޝްވަރާތަކުގެ ދެވަނަ ބުރެއް ބޭއްވުމަށް މިހާރު ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އެ ބައްދަލުވުން ބާއްވާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ. މީގެ އިތުރުން، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ ތުރުކީ، މިސްރު އަދި ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރުންނާ ފޯނުން ގުޅުއްވައި، މަސްކަޓުގައި ކުރިއަށްދާ ނުސީދާ މަޝްވަރާތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.