Ads by Stelco

ޚަބަރު

ފްލެޓުތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން އެގްރިމެންޓާ ޚިލާފަށް ކުނި އަޅަމުންދާނަމަ ފިޔަވަޅު އަޅާނަން: އެފްޑީސީ

ފްލެޓުތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން އެގްރިމެންޓާ ޚިލާފަށް ކުނި އަޅަމުންދާނަމަ ފިޔަވަޅު އަޅާނަން: އެފްޑީސީ

ޤަވާއިދާ ޚިލާފަށް ކުނި އަޅާފައި/ފޮޓޯ: އެފްޑީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

10 ފެބްރުއަރީ 2026، 05:05

10 ފެބްރުއަރީ 2026، 05:05

ފްލެޓުތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން އެގްރިމެންޓާ ޚިލާފަށް ކުނި އަޅަމުންދާނަމަ ފިޔަވަޅު އަޅާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މިފަދައިން ވިދާޅުވީ، 'އަމާން ދޯދި' މަޝްރޫޢުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ޓަވަރުތަކަށް ގިނަ ފަރާތްތަކުން ކުނި އަޅަމުންދާ މައްސަލައާއި ގުޅިގެންނެވެ.

ހަމްދާން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ވެމްކޯއިން ސާފުކުރި ތަންތަނަށް މިއަދު އަނެއްކާ ވެސް ކުނި އަޅާ ފުރާލާފައިވާ ކަމަށެވެ. އަދި ގިނަބަޔަކު ދިރިއުޅޭ މާޙައުލައް މިގޮތަށް ކުނި އެޅުމަކީ، އެކިއެކި ބަލިތަކަށް ހުޅުވޭ ދޮރެއްކަން ފާހަގަކުރައްވާ ހަމްދާން ވިދާޅުވީ، މިއީ އަހަރެމެންގެ ދީނާއި ސަޤާފަތާ ވެސް ބީރައްޓެހި ނާތަހުޒީބު ޢަމަލެއް ކަމަށެވެ. އަދި އެފްޑީސީން މި ކުނިތައް ނައްތައިލި ކަމުގައިވިޔަސް، އެގްރިމެންޓުގައިވާ ގޮތާ ޚިލާފަށް ކުނިއަޅަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންގެންދާނެކަމަށް އެމްޑީ ވިދާޅުވިއެވެ.

އަދި މި ފުރުޞަތުގައި، ޤަވާއިދާ އެއްގޮތަށް ބަލްކް ވޭސްޓް ނައްތައިލަމުން ގެންދަވާ ފަރާތްތަކަށް އެފްޑީސީގެ ނަމުގައި، ތިޔަ ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ޝުކުރު ދަންނަވަން. ފްލެޓުތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް އަމާން ސާފު ވެއްޓެއް ޤާއިމްކުރެވޭނީ އެންމެެންގެ އެއްބާރުލުމާއި އެކު.

އެމްޑީ ހަމްދާން ޝަކީލް ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން އެފްޑީސީން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަމާން ދޯދި މަޝްރޫޢުގެ ދަށުން ބިނާކޮށްފައިވާ 13 ޓަވަރަކުން މިހާތަނަށް ޖުމްލަ 460 ޓަނުގެ ކުނި ނަގައި، އެ ސަރަޙައްދުތައް ސާފުކޮށްފައިވާ ކަމަށެވެ. އަދި މިއީ ގާތްގަނޑަކަށް 27 ޑަމްޕް ޓްރަކުގެ ކުނިކަން ފާހަގަކުރައްވާ އެފްޑީސީން ވިދާޅުވީ، އެ ކުންފުންޏާއި ވެމްކޯ ގުޅިގެން، 4000 ހައުސިންގ ޔުނިޓު ހިމެނޭ ޓަވަރުތަކުގެ ޢާންމު ސަރަޙައްދުތައް ސާފުކުރުމަށް ކުރިއަށްގެންދާ މި މަސައްކަތަކީ ސާފުތާހިރު ވެއްޓެއް ޤާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

އެހެންކަމުން، މި މަސައްކަތަށް ޓަވަރުތަކުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށާއި، ކުނި އުކާލުމުގައި އެފްޑީސީން ކަނޑައަޅާފައިވާ އުޞޫލުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެކުންފުނިން އިލްތިމާސްކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450