ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލްގައި ފެންނާނީ ރާއްޖޭގެ އުތުރާއި ދެކުނުގެ ކުރިމަތިލުމެއް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލްގައި ފެންނާނީ ރާއްޖޭގެ އުތުރާއި ދެކުނުގެ ކުރިމަތިލުމެއް

ދެއްވަދޫ އާއި ވިލިމާލެ ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: ވަން ސްޕޯޓްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

12 ފެބްރުއަރީ 2026، 10:06

12 ފެބްރުއަރީ 2026، 10:06

ރާއްޖޭގައި އެންމެ ގިނަ ބަޔަކު ޝާމިލްވާގޮތަށް ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ފައިނަލުން ގއ. ދެއްވަދޫ އާއި ހދ. ނައިވާދޫ ޖާގަ ހޯދައިފިއެވެ. 

ނައިވާދޫއިން ފައިނަލްގެ ޖާގަ ހޯދީ ސެމީފައިނަލްގައި ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިކުރުމަށްފަހުއެވެ. ޤައުމީ ފުޓްސަލް ޓީމުގެ ތިން ކުޅުންތެރިއަކު ހިމެނޭ ނައިވާދޫއަކީ މި މުބާރާތުގެ ފައިނަލުގައި މިދިޔަ އަހަރު ވެސް ވާދަކުރި ޓީމެކެވެ. ނަމަވެސް އެ ޓީމަށް އަދި މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އަނެއްކޮޅުން، ވިލިމާލެ ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ހޯދި ދެއްވަދޫއަކީ މީގެ ކުރިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމެއް ވެސް ނޫނެވެ. ނަމަވެސް، އެ ޓީމުގެ ކުޅުމުން ބުނެދެމުން އަންނަނީ، އެއީ މި ފަހަރުގެ މުބާރާތުގެ ތަށި ގެންދާނެ ޓީމު ކަމުގައެވެ. 

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިޔަށްދާ މި މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ނައިވާދޫ އާއި އޭދަފުށި ބައްދަލުކުރި މެޗު ނިމުނީ 1-1އިން އެއްވަރުވެގެނެވެ. އެ މެޗުގައި ފުރަތަމަ ލީޑު ނެގީ، އަބްދުالله ޝާފިއުގެ ގޯލަކުން ނައިވާދޫއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މުޙައްމަދު ފާސިރު ވަނީ އޭދަފުއްޓަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، ނައިވާދޫއިން އެ ޓީމުގެ ހަމަލާތަކުގައި އޭދަފުށީގެ ގޯލަށް ވަރަށް ނުރައްކާކޮށްފައި ވެއެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ހަމަލާތަކުގައި ހުރަހަކަށްވީ ގޯލުގެ ދަނޑިއެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ދެ ޓީމުން ވެސް ޖެހި ފުރަތަމަ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. އެއީ މެޗުގައި ގޯލުޖެހި ދެ ކުޅުންތެރިން ކަމުގައިވާ ޝާފިއު އާއި ފާސިރު ފޮނުވާލި ޕެނަލްޓީއެވެ. އޭދަފުށިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ދެން ޕެނަލްޓީ ކާމިޔާބު ނުކުރެވުނީ އަލީ ނަސީމްއަށެވެ.

ނައިވާދޫ އާއި އޭދަފުށި ބައްދަލުކުރި މެޗުގައި ނައިވާދޫގެ ގޯލްކީޕަރު އުފާފާޅުކުރަނީ / ފޮޓޯ: ވަން ސްޕޯޓްސް

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ދެއްވަދޫއިން ވިލިމާލެ ބަލިކުރީ 4-3އިންނެވެ. 

މި މެޗުގައި ދެއްވަދޫއަށް ފުރަތަމަ ލީޑު ނަގައިދިނީ، މުޅި މެޗުގައި ވެސް މޮޅު ކުޅުމެއްދެއްކި އަލީ ހައިސަމް (ޗުމްޕު)އެވެ. އޭގެ ފަހުން އަލީ ޝިޔާޙްގެ ގޯލަކުން ވިލިމާލެއިން ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް، ހުޒައިފަތު ރަޝީދު ވަނީ ހާފު ނިމުމުގެ ކުރިން ދެއްވަދޫއަށް އަނބުރާ ލީޑު ހޯދައިދީފައެވެ. 

ދެއްވަދޫއިން ދެވަނަ ހާފުގައި ލީޑު ފުޅާކުރީ، މުޙައްމަދު އިމްރާންގެ ގޯލަކުންނެވެ. އޭގެ މިނެޓެއް ފަހުން ވިލިމާލޭގެ އަބްދުالله ސަމީހު މޫސާގެ ގޯލަކުން އެ ޓީމުން ފަރަގު ކުޑަކޮށްފައި ވަނިކޮށް، ދެ ޓީމަށް ވެސް 5 ފައުލް ހަމަވިފަހުން، ވިލިމާލެއަށް މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ލިބުނު ދުރު ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ. ނަމަވެސް ދެއްވަދޫއަށް ލިބުނު ދުރު ޕެނަލްޓީ ކާމިޔާބުކޮށް، ވިޝާޙް އަބްދުލް މަޖީދު އެ ޓީމުގެ ލީޑު އަނެއްކާ ވެސް ފުޅާ ކުރިއެވެ. މި މެޗުގައި ވިލިމާލޭގެ ތިންވަނަ ގޯލު، މެޗު ނިމެން 2 މިނެޓަށްވެފައި ވަނިކޮށް ކާމިޔާޝުކުރީ އަލީ ޝިޔާޙްއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މި މަހުގެ 14ވަނަ ދުވަހުގެރޭގެ 20:00ގައެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ ކުރިމަތިލުމެއް ފެނިގެންދާނެ މި މެޗު ކޮންމެ ޓީމެއް ކާމިޔާބުކުރި ނަމަވެސް، އެ ޓީމެއް ވެގެން ދާނީ މި މުބާރާތް މުޅިން އަލަށް ކާމިޔާބުކުރާ ޓީމަކަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450