ޚަބަރު
މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ބައިވެރިވެވަޑައިގަންނަވަނީ
ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޚަލީލް
ޖަރުމަންވިލާތުގެ މިއުނިކްގައި ކުރިއަށްދާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޚާރިޖީ ވަޒީރު މިހާރު ވަނީ މިއުނިކަށް ވަޑައިގެންފައެވެ.
މި މަހުގެ 13 އިން 15 އަށް ކުރިއަށްދާ މި ކޮންފަރެންސަކީ ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ މުހިންމު އެއް މަޝްވަރާ ބައްދަލުވުމެވެ. މިއަހަރުގެ ކޮންފަރެންސްގައި ދުނިޔޭގެ 120 އަށްވުރެ ގިނަ ޤައުމަކުން 1000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި، ބައިނަލްއަޤްވާމީ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖެ ތަމްސީލް ކުރައްވައި، އެއް ވިސްނުމެއްގައި މަސައްކަތްކުރާ ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ވަޒީރު މަޝްވަރާ ކުރައްވާނެއެވެ. މީގެ އިތުރުން، ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެފައިވެއެވެ.
ޚާރިޖީ ވަޒީރު މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަންވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އަރިހުގައި ބައިވެރިވެވަޑައިގަތުމަށް ފަހުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.