Ads by PNC

ޚަބަރު

އައްޑޫ ސިޓީގައި ފޮތް މައުރަޒެއް ފަށައި "ބަސްފިލާ" ނެރެދެއްވައިފި

އައްޑޫ ސިޓީގައި ފޮތް މައުރަޒެއް ފަށައި "ބަސްފިލާ" ނެރެދެއްވައިފި

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ފޮތް މައުރަޒު ބައްލަވާލެއްވުން ފޮޓޯ: ދިވެހިބަހުގެ އެކަޑަމީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ފެބްރުއަރީ 2026، 04:03

14 ފެބްރުއަރީ 2026، 04:03

ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގެ މަރަދޫގައި ޚާއްޞަ ފޮތް މައުރަޒެއް ފަށައިފިއެވެ. މި މައުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

މި މައުރަޒުގެ ތެރެއިން ވަޒީރު ވަނީ އައްޑޫ ސިޓީގެ ހިރާ ސްކޫލުން އުފައްދާފައިވާ "ބަސްފިލާ" ނެރެދެއްވައިފައެވެ. "ބަސްފިލާ" އަކީ ދިވެހި ބަހަށް ލޯބިކުރާ ފަރާތްތަކުގެ ބަސްކޮށާރު މުއްސަނދިކުރުމުގެ މަތިވެރި މަގުސަދުގައި ތައްޔާރުކޮށްފައިވާ ބަސްވާރެކެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ މިއަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި އައްޑޫ ސިޓީ ހިތަދޫގައެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާ ތަޚްޞީޞްކުރެވުނު އައްޑޫ ސިޓީ ހިތަދޫ ކެމީ، ޙަސަން ލަބީބާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ހަސަން ލަބީބުގެ އަދަބީ ޖަމުޢިއްޔާ ކަމަށްވާ "ޝާއިރުންގެ ވާދީ" ގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، މިފަދަ މައުރަޒުތަކާއި ބައްދަލުވުންތަކަކީ ދިވެހި އަދަބިއްޔާތާއި ބަސް ކުރިއެރުވުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތްތަކެކެވެ.

މީގެ އިތުރުން، ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޅެންވެރިކަމުގެ ފަންނު ކުރިއެރުވުމަށާއި، ޅެންވެރީންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށް "ޅެންވެރީންގެ ގުންޒަރު" ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ވަނީ ބާއްވާފައެވެ. އައްޑޫ ސިޓީގެ ޅެންވެރީންނަށާއި ޅެންވެރިކަމަށް ލޯބިކުރާ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ބޭއްވި މި ހަރަކާތުގައި، ޅެންވެރިން ވަނީ ޅެމާއި ބަނދި އަދި އަދަބީ އެކި އައިޓަމްތައް ހުށަހަޅައިދީފައެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450