Ads by PNC

ޚަބަރު

ރޯދައަށް މާލޭގައި ތަރައްޤީކުރާ ވަގުތީ މާރުކޭޓު މި މަހު 17ގައި ހުޅުވަނީ

ރޯދައަށް މާލޭގައި ތަރައްޤީކުރާ ވަގުތީ މާރުކޭޓު މި މަހު 17ގައި ހުޅުވަނީ

މާލޭގެ މާރުކޭޓެއް. ފޮޓޯ: ސަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ފެބްރުއަރީ 2026، 03:36

15 ފެބްރުއަރީ 2026، 03:36

ރަމަޟާން މަހާ ދިމާކޮށް ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް މާލެ ސަރަޙައްދުގައި ފަސޭހައިން ވިއްކޭނެ މަގުފަހިކޮށްދިނުމަށް ތަރައްޤީކުރާ ވަގުތީ މާރުކޭޓު، މި މަހުގެ 17 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

 މި މާރުކޭޓު ތަރައްޤީކުރަނީ މާލޭގެ ނޯތު ހާބަރުގައި ކުރިން ކެފޭ ހިންގި ތަނުގައެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މި މާރުކޭޓުގައި ދަނޑުވެރިކަން ކުރާ 7 ރަށަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ދަނޑުވެރިކަމަށް މަޝްހޫރު ރަށްތައް ކަމަށްވާ ށ. ގޮއިދޫ، ގއ. ނިލަންދޫ އަދި ތ. ކަނޑޫދޫ ހިމެނެއެވެ. މި މާރުކޭޓަކީ ރޯދަ މަހަށް ހައްދާ ކާނާގެ ބާވަތްތައް ވިއްކުމަށް މާލެ އަންނަ ދަތުރުވެރިންނަށް އަމާޒުކޮށްގެން ހުޅުވާ ތަނެކެވެ.

މި މާރުކޭޓުން ލިބެން ހުންނާނީ ހަމައެކަނި ރާއްޖޭގެ ދަނޑުތަކުގައި ހައްދާ ކާނާގެ ބާވަތްތަކެވެ. އެގޮތުން މޯލްޑިވްސް ފުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް (އެމްގެޕް) ސެޓިފައިޑް ވެފައިވާ 10 ދަނޑެއްގެ އުފެއްދުންތައް މިތަނުން ލިބޭނެއެވެ. ވުޒާރާއިން ވިދާޅުވީ މި މާރުކޭޓުގައި ތަކެތި ވިއްކުމުގައި ހަރަކާތްތެރިވާނީ ހަމައެކަނި ދިވެހިން ކަމަށެވެ.

ވަގުތީ މާރުކޭޓު ހިންގުމުގެ އުސޫލުގައިވާ ގޮތުން، މިއަދުން ފެށިގެން އެތަނަށް މުދާ ވައްދަން ފަށާނެއެވެ. މި މާރުކޭޓުގައި ވިއްކޭނީ ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީ އެކަންޏެވެ. މީގެ އިތުރުން، ބިދޭސީންނަށް މި މާރުކޭޓުގައި ހަރަކާތްތެރިވުމަކީ މަނާކަމެކެވެ.

މާރުކޭޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށެވެ. ރަމަޟާން މަސް ނިމުމާއެކު، މާރިޗު މަހުގެ 26 ވަނަ ދުވަހަށް މި މާރުކޭޓު ހުސްކުރަން ޖެހޭނެ ކަމަށްވެސް ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް އަތޮޅުތަކުގެ ދަނޑުވެރިންގެ އުފެއްދުންތަކަށް ބޮޑު ތަރުހީބެއް ލިބޭ ދުވަސްވަރަކަށް ވާއިރު، މިފަދަ މާރުކޭޓެއްގެ ސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450