ޚަބަރު
ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް އޭސީސީ އާއި ޤައުމީ ޔުނިވާސިޓީ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
އޭސީސީ އާ ޤައުމީ ޔުނިވަރސިޓީ އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ:އެމްއެންޔޫ
ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް އެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް އެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަން ވިޔަނުދިނުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަންކަން ހާސިލްކުރުމެވެ. މީގެ އިތުރުން ކޮމިޝަނުންދޭ ލަފާ ތަންފީޒުކުރުމުގައި ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އެހީތެރިކަން ބަދަލުކުރުމުގައި ހަރުދަނާ ނިޒާމެއް ގާއިމްކުރުން މި އެއްބަސްވުމުގެ ދަށުން ހިމެނެއެވެ.
މި އެއްބަސްވުމުގެ ދަށުން އޭސީސީއިން އެމްއެންޔޫގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަހާސިންތާތަކާއި ވޯކްޝޮޕްތައް ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކާއި މަދަނީ ޖަމިއްޔާތަކަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އެމްއެންޔޫއާ ގުޅިގެން ހިންގުމާއި، ދައުލަތް ހިންގުމުގައި އަމާނާތްތެރިކަން އިތުރުކުރުމަށް ބޭނުންވާ ކޯސްތައް ފަރުމާކޮށް ހިންގުމަށް ވެސް ވަނީ ނިންމާފައެވެ.
އޭސީސީން ފާހަގަކުރި ގޮތުގައި، އެމްއެންޔޫގެ ސިޔާސަތުތަކާއި އިސްތިރާޖީތައް އެކުލަވާލުމުގައި ކޮރަޕްޝަން ވިޔަނުދިނުމަށް ކޮމިޝަނާއެކު ގުޅިގެން މަސައްކަތްކުރުމާއި، އެންޓި-ކޮރަޕްޝަން ސިޔާސަތުތައް ތައްޔާރުކުރުމުގައި ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދިނުން މި އެއްބަސްވުމުގައި ހިމެނެއެވެ. މީގެ އިތުރުން ނަޒާހަތްތެރިކަމާ ގުޅޭ ދިރާސާތައްކޮށް ޖަރނަލްތައް ޝާއިޢުކުރުމުގައިވެސް ޤައުމީ ޔުނިވަރސިޓީން އެހީތެރިވެދޭނެއެވެ.
އޭސީސީން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ހިންގޭ ތަމްރީނުތަކާއި ކުރެވޭ ދިރާސާތަކުގެ ސަބަބުން، މުޖުތަމައުގައި ނަޒާހަތްތެރިކަމުގެ ސިފަ އަށަގެންނެވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.