Ads by PNC

ޚަބަރު

ޒަކާތު ހައުސްއިން ފިޠުރު ޕޯޓަލްގެ ތަމްރީނު ބާއްވާ، މޯލްޑިވްސް ޒަކާތު ހައުސްއިން ޑިޖިޓަލް ގަވަރނަންސް ވަރުގަދަކޮށްފި

ޒަކާތު ހައުސްއިން ފިޠުރު ޕޯޓަލްގެ ތަމްރީނު ބާއްވާ، މޯލްޑިވްސް ޒަކާތު ހައުސްއިން ޑިޖިޓަލް ގަވަރނަންސް ވަރުގަދަކޮށްފި

ފިޠުރު ޕޯޓަލްގެ ތަމްރީނު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ފެބްރުއަރީ 2026، 05:55

15 ފެބްރުއަރީ 2026، 05:55

ރާއްޖޭގެ ޒަކާތުގެ އިދާރީ އޮނިގަނޑު ޒަމާނީކޮށް، ޑިޖިޓަލް ގަވަރނަންސް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުން، މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި، ފިޠުރު ޕޯޓަލާ ގުޅޭ ތަމްރީނު ސެޝަނެއް ބާއްވައިފިއެވެ.

ޒަކާތު ހައުސްގެ މުވައްޒަފުންގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށު ކައުންސިލުތަކާއި، އަތޮޅު ކައުންސިލުތަކާއި، ސިޓީ ކައުންސިލުތަކުގެ އޮފިޝަލުން މި ތަމްރީނުގައި އޮންލައިންކޮށް ބައިވެރިވެފައިވެއެވެ.

މި ތަމްރީނަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވަމުންދާ ތައްޔާރީތަކުގެ މުހިންމު ބައެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ އިދާރީ ގޮތުން ފުރިހަމައަށް ތައްޔާރުވުމާއި، ފިޠުރު ޒަކާތް ބަލައިގަތުމާއި ބެލެހެއްޓުމުގައި ޒަކާތު ހައުސްއިން މުޅި ރާއްޖޭގައި ޤާއިމުކޮށްފައިވާ ވިލަރެސްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ތަޢާރަފުކުރި ފިޠުރު ޕޯޓަލަކީ ޒަކާތުގެ ޚިދުމަތްތައް ޑިޖިޓަލްކުރުމުގައި ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. މިއީ ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ މަރުޙަލާތަކުގައި ޒިންމާދާރުކަމާއި، ދެފުށްފެންނަ މިންވަރާއި، ހަލުވިކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމު ޚާއްޞަކޮށްފައިވަނީ އޮންލައިންކޮށް ފައިސާ ދައްކަން އާދަވެފައި ނުވާ ފަރާތްތަކަށް، ނަގުދު ފައިސާއިން ފިޠުރު ޒަކާތް ދެއްކުމަށް މަގުފަހިކޮށްދިނުމަށެވެ.

މި ޕޯޓަލަކީ ހަމައެކަނި މޯލްޑިވްސް ޒަކާތު ހައުސްއާއި ލޯކަލް ކައުންސިލުތަކުގެ އިދާރީ ބޭނުންތަކަށް ޚާއްޞަކުރެވިފައިވާ ނިޒާމެކެވެ. އާންމު ފަރުދުން ކައުންސިލް އިދާރާތަކަށް ނުވަތަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ވަޑައިގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުޢާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑުކުރާނެއެވެ. ފައިސާ ދައްކާ ނިމުމުން، ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސް.އެމް.އެސްއެއް ވަގުތުން އެ ފަރާތަކަށް ލިބިގެންދާނެއެވެ.

މި ޕޯޓަލް ތަންފީޒުކުރުމާ އެކު، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތް ރެކޯޑުކުރުމަށް މުޅި ރާއްޖޭގައި އެއް މިންގަނޑަކުން ހިނގާ ނިޒާމެއް ޤާއިމުވެ، މޯލްޑިވްސް ޒަކާތު ހައުސްއަށް ވަގުތުން (ރިއަލް-ޓައިމް) ފައިސާގެ މުޢާމަލާތްތައް މޮނިޓަރކުރެވޭނެއެވެ. މީގެ ސަބަބުން ޑިޖިޓަލް ޕްލެޓްފޯމުތަކާއި ނަގުދު ފައިސާގެ މުޢާމަލާތްތަކުން ލިބޭ ފިޠުރު ޒަކާތުގެ ހިސާބުތައް ކޮންމެ ދުވަހަކު ޞައްޙަކަމާ އެކު އެއްކުރެވި، މާލީ ބެލެހެއްޓުންތެރިކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

މި ގޮތަށް އެއްކުރެވޭ މަޢުލޫމާތުގެ ސަބަބުން އިދާރީ ހިންގުން ހަރުދަނާވެ، ރަމަޟާން މަސް ނިމުމުގެ ކުރިން، ޝަރުޢީ ހަމަތަކާ އެއްގޮތަށް، ހުރިހާ ރަށެއްގައި ތިބި ޒަކާތް ހައްޤުވާ ފަރާތްތަކަށް ހަމަހަމަކަމާ އެކު ޒަކާތް ބެހުމުގެ މަސައްކަތް ތަރުތީބުކުރުމަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450