ޚަބަރު
މާރުކޭޓް ސަރަހައްދު މަގުހެދުން: މިރޭ ފަތިހު ހަދާ ނިންމާފައިވާ ސަރަހައްދު ހުޅުވަނީ
މާރުކޭޓް ސަރަހައްދުގެ މަގު ތަރައްޤީކުރުން
މާލޭގެ މާރުކޭޓް ސަރަހައްދުގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރި ބައި، މިރޭ ފަތިހު 5:00 އިން ފެށިގެން އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ނިންމައިފިއެވެ.
ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ތަރައްޤީކުރި މި ސެގްމަންޓް ހުޅުވާލުމަށް ނިންމާފައިވަނީ ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް މި މަގު ތަރައްޤީކޮށްފައިވަނީ ހަތަރު ލޭނު ހިމެނޭ ގޮތަށް ކަމަށެވެ. މި ބަދަލާއެކު އެ ސަރަހައްދުގައި ދެކޮޅަށް ދުއްވޭނެ އިންތިޒާމު ހަމަޖެހުމުން، މާލޭގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މަގު ހުޅުވުމުގެ ކުރިން އެ ސަރަހައްދު ފެހިކުރުމުގެ ގޮތުން މިއަދު ވަނީ ޚާއްޞަ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ދައުލަތުގެ 12 ވަޒީރުންނާއި، އިސްވެރިންގެ އިތުރުން އެމްޓީސީސީގެ މުވައްޒަފުން ބައިވެރިވެވަޑައިގެންފައިވެއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، "މި ސަރަހައްދަކީ ކުރިން އެއްކޮޅަށް ދުއްވާ މަގުގެ ގޮތުގަ އޮތް ސަރަހައްދެއް، އެހެންނަމަވެސް އޭގެ ސަބަބުން ބައިވަރު ދަތިތަކާ ކުރިމަތިވާތީވެ ސަރުކާރުން މި މަގު ފުޅާކޮށް، ދެކޮޅަށް ދުއްވާ މަގެއް ގޮތުގަ މި ކަނޑައަޅަނީ،" ކަމަށެވެ.
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ވަނީ ތާރު އަޅާފައެވެ. މަގު ފުޅާކުރުމުގެ ގޮތުން ފަޅުތެރެއިން ބައެއް ހިއްކައިގެން 6 މީޓަރުގެ ސަރަހައްދެއް މަގަށް ވަނީ އިތުރުކޮށްފައެވެ. މިއީ ކުރިން ކުރިމަތިވި ބާރުބޮޑުވުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ބަދަލެއް ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކޮށް ހުޅުވާލެވޭ ސެގްމަންޓް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅައި، 2026 ފެބްރުއަރީ 16 ވާ ހޯމަ ދުވަހު ފަތިހު 5:00 އިން ފެށިގެން މަގު ބޭނުންކުރާ ފަރާތްތަކަށާއި ޢާންމު ދަތުރުފަތުރަށް… pic.twitter.com/RWVtumYuYw
— Mohamed Ameen (@ameen3d) February 15, 2026
މި މަސައްކަތް ނިމި މަގު ހުޅުވާލުމާއެކު، ބަނދަރު ސަރަހައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެއެވެ. އެމްޓީސީސީން ބުނި ގޮތުގައި، މިއީ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައިވާ، ހިނގާ މީހުންނަށް އަމާން ޒަމާނީ މަގަކަށް ވެގެންދާނެއެވެ.