Ads by PNC

ޚަބަރު

ގްރީން ކްލައިމެޓް ފަންޑް އާ ގުޅޭގޮތުން ތަޢުލީމީ ވުޒާރާއާއި ޔުނިސެފުން ގުޅިގެން ވޯކޮޝޮޕެއް ބާއްވައިފި

ގްރީން ކްލައިމެޓް ފަންޑް އާ ގުޅޭގޮތުން ތަޢުލީމީ ވުޒާރާއާއި ޔުނިސެފުން ގުޅިގެން ވޯކޮޝޮޕެއް ބާއްވައިފި

ވޯކްޝޮޕްގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 ފެބްރުއަރީ 2026، 11:16

16 ފެބްރުއަރީ 2026، 11:16

ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓާއި، ތަޢުލީމީ ވުޒާރާ އަދި ޔުނިސެފް ގުޅިގެން "ޖީ.ސީ.އެފް ޕްރޮޖެކްޓް ޕްރޮޕޯޒަލް–އިނީޝިއަލް ސްޓޭކްހޯލްޑަރ" ވޯކްޝޮޕް ބާއްވައިފިއެވެ.

މި ވޯކްޝޮޕަކީ، ގްރީން ކްލައިމެޓް ފަންޑު (ޖީ.ސީ.އެފް) އަށް ހުށަހެޅުމަށްޓަކައި ތައްޔާރުކުރަމުންދާ ޕްރޮޖެކްޓް ކޮންސެޕްޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ ސަރުކާރުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ބޭއްވި ވޯކްޝޮޕެކެވެ. މިއީ ރާއްޖޭގެ ފަރާތުން ޖީ.ސީ.އެފް އަށް ހުށަހަޅާ ޕްރޮޖެކްޓްތަކުގެ މަސައްކަތް އިތުރަށް ފުޅާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުމެކެވެ.

މި ބައްދަލުވުން ފައްޓަވައިދެއްވީ ތަޢުލީމީ ވުޒާރާގެ ސްޓޭޓް ޑރ. އަޙްމަދު މުޙައްމަދެވެ. އަދި ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. އެޑްވަރޑް އެޑާއި، އަދި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަމްޖަދު ޢަބްދުﷲ މި ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން، އެ ބޭފުޅުންގެ ވާހަކަފުޅުގައި، ޢުމްރާނީ ވަޞީލަތްތަކަކީ އަދި ވަކިން ޚާއްޞަކޮށް މަދުރަސާތަކަކީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ، ވިލުންތެރި ތަންތަނަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގެ ޓެކްނިކަލް ސެޝަންތަކުގައި، ޕްރޮޖެކްޓާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކޮންސެޕްޓް ނޯޓަށް ބައިވެރިން ޚިޔާލު ދެއްވާފައިވާއިރު، މި ކޮންސެޕްޓުގައި ތަޢުލީމީ ދާއިރާގެ މުއައްސަސާތައް ވަރުގަދަކޮށް، "ކްލައިމެޓް ރެޒިލިއަންޓް" ނުވަތަ ވިލުންތެރި މަދުރަސާތަކެއް ޤާއިމްކުރުމާއި، ސްކޫލްތަކަކީ ކިޔަވާ ކުދިންނަށް އަދި މުޖުތަމަޢުއަށް ފައިދާކުރަނިވި ވަޞީލަތަކަށް ހެދުމަށް މަޝްވަރާކޮށްފައިވެއެވެ. އަދި މި މަސައްކަތްތަކަކީ ޤައުމީ ކްލައިމެޓް ސިޔާސަތުތަކާއި، ދާއިރާގެ ސިޔާސަތުތަކުގެ އިތުރުން، ޖީ.ސީ.އެފް އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްދާ މަސައްކަތްތަކެއްކަން ކަށަވަރުކުރުމަށްވެސް މަޝްވަރާކުރެވުނެވެ.

ހަމަ އެއާއެކު، މި މަޝްރޫޢު ހިންގާނެ އިންތިޒާމުތަކާއި، މުއައްސަސާތަކުގެ ދައުރާއި ޒިންމާތަކާއި، މާލީ އޮނިގަނޑާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން ކުރިއަށް ހުރި މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުން ބައިވެރިން ވަނީ ޚިޔާލު ބަދަލުކޮށްފައެވެ. އަދި މި މަސައްކަތު ބައްދަލުވުން ނިންމާލާފައިވަނީ، މި ކޮންސެޕްޓް އިތުރަށް ފުރިހަމަކޮށް ޖީ.ސީ.އެފް އަށް ހުށަހެޅުމަށްޓަކައި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ވިލަރެސްކުރުމަށް އެއްބަސްވަމުންނެވެ.

މި ޕްރޮޕޯޒަލް ތައްޔާރުކުރަމުންދަނީ، ޔުނިސެފްގެ އެހީތެރިކަމާއިއެކު ތިމާވެށްޓާ ބެހޭ ވުޒާރާގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުންނެވެ. އަދި މަޝްރޫޢު ތަންފީޒުކުރަނީ ތަޢުލީމީ ވުޒާރާއިންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450