ޚަބަރު
އަމިއްލަ ފަރާތަކުން ހއ. އިހަވަންދޫގައި ބިނާކުރި 'މަސްޖިދު ޒުބައިދާ އަޙްމަދު' ހުޅުވައިފި
މަސްޖިދު ޒުބައިދާ އަޙްމަދު/ފޮޓޯ: ވުޒާރާ
އަމިއްލަ ފަރާތަކުން ހއ. އިހަވަންދޫގައި ބިނާކުރި 'މަސްޖިދު ޒުބައިދާ އަޙްމަދު' ހުޅުވައިފި އެވެ.
މިސްކިތް ހުޅުވުމަށްޓަަކައި އިހަވަންދޫގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، މިސްކިތް ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އިހަވަންދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެލައްވާފައެވެ. މި މިސްކިތް ހުޅުވައިދެއްވުމަށްފަހު ވަޒީރު ވަނީ މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދު ކުރައްވާފައެވެ. މި މިސްކިތަކީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކުރެވުނު މިސްކިތެކެވެ. އެއް ފަންގިލާ ހިމެނޭ މި މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި ރަމަޟާން މަހުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު މިސްކިތްތަކެއް ހުޅުވުމަށް ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަދި މި ދައުރުގެ ތެރޭގައި އިސްލާމީ ދާއިރާއިން ތަފާތު 90 މަޝްރޫޢެއް ކުރިއަށްދާކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ފާހަގަކުރައްވާފައެވެ.