ޚަބަރު
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ޓީމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއާ ބައްދަލުކޮށްފި
މި ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ޓީމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވައިފި އެވެ.
ވިޒިޓް މޯލްޑިވްސްގެ ހެޑް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ކުރެވިދާނެ ދެމެހެއްޓެނިވި އިކޯ-ޓޫރިޒަމްގެ ޙަރަކާތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވެފައި ވަނީ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢާ ޙަވާލުވެހުންނެވި ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އަތީފްގެ އިތުރުން އެ ވުޒާރާގެ ބައެއް އިސްވެރިންނެވެ.
5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމްގެ ދަށުން މިހާތަނަށް މިލިޔަނަކަށްވުރެ ގިނަ ގަސް އިންދިފައިވާކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. 5 މިލިޔަން ގަސް އިންދުމުގެ މި ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި، ފެހިކަން އިތުރުކޮށް، މާޙައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ.
މި ޕްރޮގްރާމުގައި ބޮޑަށް އިސްކަންދެއްވާފައި ވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން، ރާއްޖެއިން ނެތެމުންދާކަމަށް ބެލެވޭ 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، އިންދުމަށް ހަމަޖެހިފައިވާއިރު، ތިމާވެށްޓާ ބެހޭ ވުޒާރާގެ އަމާޒަކީ މި ޕްރޮގްރާމުގެ ދަށުން 6.4 މިލިޔަން ގަސް އިންދުމެވެ.