ޚަބަރު
ކުޑަ ފިރިހެން ކުއްޖަކު ގްރޫމްކޮށް، އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
ކުޑަ ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަންހެނަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފާޠިމަތު ރީމާ (35އ) އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފާޠިމަތު ރީމާ ހައްޔަރުކޮށްފައި ވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 2025 ޑިސެމްބަރ 29 ވަނަ ދުވަހު ކަމަށެވެ. އަދި މީނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ 2026 ފެބްރުއަރީ 28 ވަނަ ދުވަހަށްކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. މި މައްސަލާގައި، ގްރޫމްކޮށް އެކްސްޕްލޮއިޓްކޮށް، ޖިންސީ ގޯނާ ކޮށްފައިވަނީ 15 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ ޢަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު އެ ޚިދުމަތުން ޚާއްޞަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ޤާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށް އެ ޚިދުމަތުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.