ޚަބަރު
ދިއްދޫ ޖޫނިއަރ ކޮލެޖުގެ ކިޔެވުން، އަހަރުގެ މެދުތެރޭގައި ފެށުމަށް އަންނަނީ ތައްޔާރުވަމުން
ދިއްދޫ ޖޫނިއަރ ކޮލެޖް
ހއ. ދިއްދޫގައި ތަރައްޤީކުރަމުން އަންނަ ޖޫނިއަރ ކޮލެޖު ނުވަތަ ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓްގެ ކިޔެވުން މިއަހަރުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މަތީ ތަޢުލީމާއި މަސައްކަތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި މަރުކަޒުގެ ޢިމާރާތް ކުރުމުގެ މަސައްކަތުގެ 95 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ޢިމާރާތުގެ ކޮންސެޕްޓަށް ގެނެވުނު ބަދަލުތަކާ ގުޅިގެން މިހާރު ކުރިއަށްދަނީ އެ މަސައްކަތްތަކެވެ. އެގޮތުން ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ ހޮސްޕިޓަލިޓީގެ ދާއިރާއިން ތަމްރީންވުމަށް ޚާއްސަ ޓްރެއިނިންގް ވިންގެއް ޤާއިމުކުރުމެވެ. މި ވިންގުގައި ކަލިނަރީ ކިޗަންއަކާއި، ޕޭސްޓްރީ ކިޗަން، ހައުސްކީޕިންގ، ފްރަންޓް އޮފީސް، ލޯންޑްރީ އަދި ރިސެޕްޝަން އޭރިއާއެއް ހިމެނޭނެއެވެ.
މި އިންސްޓިޓިއުޓްގައި އެހެނިހެން ޓެކްނިކަލް ދާއިރާތަކުން ތަމްރީން ދިނުމަށް ޤާއިމުކުރާ ވޯކްޝޮޕްތަކުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި އެތަންތަނަށް ބޭނުންވާ މެޝިނަރީއާއި އިކުއިޕްމެންޓްތައް ވޯލްޑް ބޭންކުގެ އެހީގައި ހިންގާ މީރީ ޕްރޮޖެކްޓްގެ ދަށުން މިހާރު ވަނީ ހޯދާފައެވެ. މިހާރު ކުރިއަށްދަނީ ކްލާސްރޫމްތަކަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ސާމާނު ހޯދުމުގެ މަސައްކަތެވެ.
އިންސްޓިޓިއުޓް ހިންގުމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލުމާއި، މުވައްޒަފުން ނެގުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާކަމަށް ވުޒާރާއިން ފާހަގަކުރެއެވެ. ބައެއް މުވައްޒަފުން މިހާރުވެސް ވަޒީފާއަށް ނަގާފައިވާއިރު، ކިޔަވައިދޭން ފެށުމަށް އިތުރަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.
ދިއްދޫއަކީ އުތުރުގެ އާބާދީ ބޮޑު ރަށަކަށްވުމާއެކު، މި މަރުކަޒުގެ ސަބަބުން އެ ސަރަޙައްދުގެ ޒުވާނުންނަށް އަމިއްލަ ރަށުގައި ތިބެގެން މަތީ ތަޢުލީމާއި ފަންނީ ތަމްރީން ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މިއީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ދިވެހިން ތަމްރީނުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.