ޚަބަރު
ސަމާލުވޭ، ދުންފުހުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރެއަށް ދުރު ފެންނަ މިންވަރު 2 ކިލޯމީޓަރަށް!
ވައި ނުސާފު/ފޮޓޯ: ސީއެންއެމް
ދިވެހިރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ދުންފުހުގެ އަސަރު ފޯރައި، އުތުރާއި މެދުރާއްޖެތެރެއަށް ދުރު ފެންނަ މިންވަރު 2 ކިލޯމީޓަރަށް ދަށްވެފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ހަފްތާގައި ވެސް ރާއްޖެއަށް ދުންފުހުގެ އަސަރު ނުރައްކާ މިންވަރަކަށް ކުރާނެކަމުގެ އިންޒާރު މެޓް އޮފީހުން ދީފައިވާއިރު، މިއަދު އެންމެ ބޮޑަށް ވައި ނުސާވުވެފައި ވަނީ މާލެ ސަރަޙައްދަށެވެ.
މެޓް އޮފީހުން ވިދާޅުވީ، ދުންފުހުގެ އަސަރު މުޅި ރާއްޖެއަށް ކުރަމުންދާއިރު، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް މިކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދުރުފެންނަ މިންވަރު (ވިޒިބިލިޓީ) 2 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. ހަމަ އެހެންމެ، ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ސަރަޙައްދުގައި ދުންފުހުގެ އަސަރު ހުންނާނެކަމަށް ލަފާކުރެވޭއިރު، އެންމެ ބޮޑަށް ވައި ނުސާފުވެފައިވާ ސަރަޙައްދުތަކަކީ ކ. މާލެ، ހދ. ހަނިމާދޫ، ލ. ކައްދޫ، އަދި އައްޑޫ ސިޓީއެވެ.
ދުރު ފެންނަ މިންވަރު:
- ކ. މާލެ – 2 ކިލޯމީޓަރު
- ހދ. ހަނިމާދޫ – 3 ކިލޯމީޓަރު
- ލ. ކައްދޫ – 4 ކިލޯމީޓަރު
- އައްޑޫ ސިޓީ – 7 ކިލޯމީޓަރު
ވައި ނުސާފުވުމުގެ ސަބަބުން ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ޞިއްޙަތަށް އިތުރު ނުރައްކާ ކުރިމަތިވެއެވެ. ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދިންނާއި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހުންނާއި އެލާޖީގެ މައްސަލަތައް ހުންނަ މީހުން ހިމެނެއެވެ. އެހެންކަމުން، މި ހާލަތުގައި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ހަރަކާތްތައް މަޑު ޖައްސާލުމަށާއި، ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތްތަކުގައި N95 ނުވަތަ އެފަދަ މާސްކު އެޅުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮންމެ އަހަރަކު، އިރުވައި މޫސުމުގައި ކުރިމަތިވާ ދުންފުސްކަމުގެ މައްސަލައަކީ ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުން ކުރިމަތިވާ މައްސަލައެކެވެ.