Ads by PNC

ޚަބަރު

ޕެންޝަން ފަންޑުގައި ހުރި ރައްޔިތުންގެ ފައިސާގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑާއި ގުޅޭގޮތުން މަޖިލީހަށް ޤަރާރެއް

ޕެންޝަން ފަންޑުގައި ހުރި ރައްޔިތުންގެ ފައިސާގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑާއި ގުޅޭގޮތުން މަޖިލީހަށް ޤަރާރެއް

މުޙައްމަދު އިބްރާހިމް (ކުޑޫ)/ފޮޓޯ: މަޖިލިސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 ފެބްރުއަރީ 2026، 11:15

17 ފެބްރުއަރީ 2026، 11:15

ޕެންޝަން ފަންޑުގައި ހުރި ރައްޔިތުންގެ ފައިސާގެ ތެރެއިން 2.4 ބިލިއަން ރުފިޔާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމަށް ހިންގާ މުޢާމަލާތާއި ގުޅޭގޮތުން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި އެވެ.

މި މުޢާމަލާތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ދެކޭގޮތް ދެނެގަތުމަށް، މި ޤަރާރު ހުށަހަޅުއްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މި ޤަރާރު ހުށަހަޅާފައި ވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ އަނބުރާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުޢާމަލާތެއް ހިންގަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، މި މުޢާމަލާތް ހިންގުމަށް ޕެންޝަން ފަންޑުގައި ސަރުކާރުގެ ބޮންޑުގެ ގޮތުގައި ހުރި 2.4 ބިލިއަން ރުފިޔާ އެމްއެމްއޭއަށް ވިއްކުމަށްފަހު، އެ ލިބޭ ފައިސާއިން އަނެއްކާވެސް ޕެންޝަން އޮފީހުން ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ގަންނާނެއެވެ.

މިކަމާއި ގުޅިގެން މެންބަރު މުޙައްމަދު އިބްރާހިމް ހުށަހެޅުއްވި ޤަރާރުގައި ވިދާޅުވީ، މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ޚަރަދުކުރުމާއި، ބަޖެޓުން ބޭރުން ކަންކަން ކުރުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތު ޤާނޫނާ ޚިލާފަށް ފައިސާ ހަރަދުކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށާއި، ޕެންޝަނާ ބެހޭ ޤާނޫނާ ހަވާލާދީ ޤަރާރުގައި ވިދާޅުވީ، ޕެންޝަން އެސެޓްސް އިންވެސްޓްކުރުމަށް ސަރުކާރުން ހުށަހަޅާނަމަ އެކަން ކުރަންޖެހޭނީ ލިޔުމުން ކަމަށެވެ. އަދި އެ މަޢުލޫމާތު ޢާންމުކޮށް ހާމަކުރަންޖެހޭނެ ކަމަށް އެ ޤަރާރުގައި ވެއެވެ.

މީގެ އިތުރުން، މި މުޢާމަލާތުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ތަކެތީގެ އަގު އުފުލިގެން ދިއުމުގެ ފުރުޞަތު އޮތް ކަމަށް މި ޤަރާރުގައި މެންބަރު މުޙައްމަދު އިބްރާހިމް ވަނީ ލަފާކުރައްވާފައެވެ. އެހެންކަމުން، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ދުސްތޫރީ ޒިންމާގެ ދަށުން، މި މުޢާމަލާތާ މެދު ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުގެ މެންބަރުން ދެކޭގޮތް ސާފުކުރުމަށް ޤަރާރުގައި ގޮވާލާފައި ވެއެވެ.

2.4 ބިލިއަން ރުފިޔާގެ ބޮންޑާއި ގުޅޭގޮތުން މި މުޢާމަލާތް ހިންގަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450