ޚަބަރު
ރަމަޟާން މަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ދިނުމުގައި، އިސްލާމީ އާދަކާދަތައް ދެމެހެއްޓުމަށް އެދެފި
ފަތުރުވެރިންތަކެއް ރާއްޖޭގައި/ފޮޓޯ: އެމްބީޓީ
ރަމަޟާން މަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ދިނުމުގައި، އިސްލާމީ އާދަކާދަތައް ދެމެހެއްޓުމަށް އެދެފި އެވެ.
މިކަމާއި ގުޅިގެން ސިޓީތަކާއިި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތަ އިން ސައްތަ މުސްލިމް ޤައުމަކަށްވާއިރު، ބަރަކާތްތެރި ރަމަޟާން މަހު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ދިނުމުގައި، ރާއްޖޭގައި އޮންނަ އިސްލާމީ ރިވެތި އާދަކާދަތަކާއި، ދީނީ އެއްބައިވަންތަކަމާއި، އަދި އިސްލާމްދީނަށް ދިވެހިން ކުރާ އިޙުތިރާމާއި ޤަދަރާއި، އިސްލާމީ ވަހުދަތު ދެމެހެއްޓެވުމަށް ބާރު ލިބޭނެގޮތަކަށް ކަންކަން އިންތިޒާމު ކުރެއްވުމަށް އެންމެހާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިލައްވާ ކަމަށެވެ.
އެގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި ރާއްޖޭގެ ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ދޭއިރު، ޢާންމުންނަށް ނުފެންނާނެފަދަ އިންތިޒާމެއްގެ ދަށުން އެ ޚިދުމަތް ދިނުމަށާއި، މަގުތަކާއި ޢާންމު ތަންތަނުގައި ރަމަޟާން މަހުގެ ޙުރުމަތް ނުކެނޑޭނެގޮތަކަށް ފަތުރުވެރިންގެ ޢަމަލުތައް ބެހެއްޓުމަށް އެޅުއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. ހަމަ އެއާއެކު، ރަމަޟާން މަހު މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންގެ ޢަމަލުތައް ބަހައްޓަންޖެހޭ ގޮތުގެ މަޢުލޫމާތު ފަތުރުވެރިންނަށް ތަފްޞީލުކޮށް ހިއްސާކުރުމަށް ވެސް އެ ވުޒާރާއިން އެދިލެއްވިއެވެ.
އެހެންކަމުން، ފަތުރުވެރިންނަށް ޚިދުމަތް ދޭ ފަރާތްތަކުން މިކަންކަމަށް ސަމާލުކަންދީ، ކައުންސިލްތަކުން އެކަމަށް ފާރަވެރިވުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފަ އެވެ.