ޚަބަރު
ކުރިއަށް އޮތް ރަމަޟާން މަހު މާލެ ސަރަޙައްދުގައި މުދާ އުފުލޭނެ ގަޑިތައް ޢާންމުކޮށްފި
މުދާ އުފުލުން/ފޮޓޯ: ޕީއެސްއެމް
ކުރިއަށް އޮތް ރަމަޟާން މަހު މާލެ ސަރަޙައްދުގައި މުދާ އުފުލޭނެ ގަޑިތަކާއި، މުދާ އުފުލުން މަނާ ގަޑިތައް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ޢާންމުކޮށްފި އެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ، 1447 ވަނަ އަހަރުގެ ރަމަޟާންމަހު އަދި ޝައްވާލް މަހުގެ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް ގްރޭޓަރ މާލެ ސަރަޙައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް ކަނޑައަޅުއްވާފަ އެވެ. އެގޮތުން، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް، އަދި ޝައްވާލު މަހުގެ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 08:00 އިން 09:30 އަށް އަދި ހަވީރު 16:30 އިން ފެށިގެން ރޭގަނޑު 20:00 އަށް މުދާ އުފުލުން މަނާވާނެއެވެ.

މީގެ އިތުރުން، ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަސް ނިމެންދެން ހަވީރު 16:30 އިން ފެށިގެން ރޭގަނޑު 20:00 އަށް ބަރު އުޅަނދު ދުއްވުމާއި މުދާ އުފުލުން މަނާވާނެއެވެ. މި ނިންމެވުމާއި ގުޅިގެން ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެ ވުޒާރާއިން ކަނޑައަޅުއްވާފައިވާ މި އުޞޫލުތަކާއި ޚިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށެވެ. އެހެންކަމުން، މިކަމުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން ވެސް ވުޒާރާއިން ކަނޑައަޅުއްވާފައިވާ އުޞޫލާއި އެއްގޮތަށް ޢަމަލުކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ރަމަޟާން މަހު މާލޭ ސަރަޙައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ޢާންމުންނަށް ލުއިފަސޭހަ ކުރުމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން އަންނަނީ މިފަދަ މުހިންމު ނިންމެވުންތައް ނިންމަވަމުންނެވެ.