Ads by PNC

ޚަބަރު

ދ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ދ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

އާރްޓީއެލްގެ ފެރީއެއް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ފެބްރުއަރީ 2026، 03:56

17 ފެބްރުއަރީ 2026، 03:56

ދ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެކަމަށްޓަކައި ދ. މީދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.

މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙުމަދު ސަޢުދީއާއި، އެ ކުންފުނީގެ އިސްވެރިންނާއި އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. އާރްޓީއެލްގެ ޚިދުމަތް ދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެންނެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، ޚިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ހަފްތާގައި ކުރިއަށްދާނީ ރައްޔިތުން މި ނިޒާމަށް އަހުލުވެރިކުރުވުމަށް ބާއްވާ ހިލޭ ދަތުރުތަކެކެވެ. މި އަހުލުވެރިކުރުވުމުގެ މުއްދަތަށްފަހު، މިމަހުގެ 25 ވާ ބުދަ ދުވަހުން ފެށިގެން ދަތުރުތައް ކުރިއަށްދާނީ ޓިކެޓް ނަގައިގެންނެވެ. ޓިކެޓް ބަލައިގަތުމުގެ އިންތިޒާމު އާރްޓީއެލް ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ހަމަޖެހިފައިވާނެއެވެ.

ދ. އަތޮޅުގައި ޖުމުލަ 3 ރޫޓަކަށް ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އަތޮޅު ތެރޭގައި ދަތުރުތައް ކުރާ 2 ރޫޓުގެ އިތުރުން ދ. އަތޮޅާއި ފ. އަތޮޅާ ދެމެދު ބާއްވާ ފެރީ ރޫޓެވެ. މި ދެ އަތޮޅު ގުޅާލަދޭ ދަތުރުތައް ކުރާނީ ފ. ނިލަންދުއާއި ދ. މީދޫއާ ދެމެދުގައެވެ. މި ޚިދުމަތް ދިނުމަށް ޖުމުލަ ދެ ފެރީ ބޭނުންކުރާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ޒޯން 4 ގައި ހިމެނޭ ތ. އަތޮޅުގައި މިހާރުވެސް މި ޚިދުމަތް ދެމުންދާއިރު، ދ. އަތޮޅާއެކު ރާއްޖޭގެ 13 އަތޮޅަކަށް މިހާރު ވަނީ އާރްޓީއެލްގެ ޚިދުމަތް ފުޅާވެފައެވެ. އެމްޓީސީސީން ފާހަގަކުރި ގޮތުގައި، މި ޚިދުމަތުގެ ސަބަބުން މި އަތޮޅުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ.

މުޅި ރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ކުޑަ އަގެއްގައި އަދި އަރާމުކޮށް ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ގާއިމްކުރުމެވެ. 2022 ވަނަ އަހަރު ފެށި މި ޚިދުމަތަކީ ދަތުރުފަތުރުގެ ދާއިރާއަށް ހާއްސަ އިސްކަމެއް ދީގެން، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގެންދާ ކާމިޔާބު މަސައްކަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450