ޚަބަރު
ރަމަޟާން މަހާއި ގުޅިގެން އެމްޓީސީސީގެ ފެރީ އަދި ބަހުގެ ޚިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި
އެމްޓީސީސީގެ ބަހެއް. ފޮޓޯ: ސަން
ރަމަޟާންމަހު މާލެ ސިޓީގައި އެމްޓީސީސީން ފޯރުކޮށްދޭ ފެރީއާއި ބަހުގެ ޚިދުމަތްތައްދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާންމަހުވެސް މާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ އާންމު ދަތުރުފަތުރުގެ ޚިދުމަތްތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.
ފެރީގެ ޚިދުމަތަށް ގެނެވުނު ބަދަލުތައް
އެމްޓީސީސީން ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އާންމު ފެރީ ދަތުރުތަކުގެ ތެރެއިން 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ މާލެ-ވިލިމާލެ ފެރީގެ ޚިދުމަތް ހަވީރު 5:50 އިން ފެށިގެން ރޭގަނޑު 7:00 އާ ހަމައަށް މެދުކަނޑައިލާނެއެވެ. މީގެ އިތުރުން މާލެ-ތިލަފުށި ފެރީ ހަވީރު 5:00 އިން 7:00 އަށް މެދުކަނޑައިލާއިރު، މާލެ-ގުޅީފަޅު ފެރީ ރޫޓް ހަވީރު 4:15 އިން 5:00 އާ ހަމައަށް މެދުކަނޑައިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުޅުމާލެ-މާލެ ފެރީގެ ޚިދުމަތް މެންދުރުފަހު 3:00 ގެ ފަހުން މެދުކަނޑައިލާނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.
ބަހުގެ ޚިދުމަތަށް ގެނެވުނު ބަދަލުތައް
މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އާރްޓީއެލް ބަހުގެ ދަތުރުތަކަށް ބަލާއިރު، މާލެ-ހުޅުމާލެ، ހުޅުމާލެ-އެއާޕޯޓު، އަދި މާލެ-އެއާޕޯޓު ބަހުގެ ޚިދުމަތް ހަވީރު 5:00 އިން ރޭގަނޑު 7:00 އާ ހަމައަށް މެދުކަނޑައިލާނެއެވެ. ހުޅުމާލެ އިންޓަރނަލް ބަހުގެ ޚިދުމަތް ހަވީރު 5:15 އިން 7:15 އަށް މެދުކަނޑައިލާއިރު، މާލެ އިންޓާނަލް ބަހާއި ވިލިމާލެ ބަހުގެ ޚިދުމަތް އިރުއޮއްސި 6:00 އިން ރޭގަނޑު 9:00 އާ ހަމައަށް މެދުކަނޑައިލުމަށް ވަނީ ނިންމާފައެވެ.
އެމްޓީސީސީން ފާހަގަކުރެއްވި ގޮތުގައި، ރަމަޟާންމަހު އާރްޓީއެލް ފެރީ އާއި ބަހުގެ ދަތުރުތަކަށް ގެނެސްފައިވާ މައިގަނޑު ބަދަލަކީ ކޮންމެ ރޫޓެއްގެވެސް އެންމެ ފަހު ދަތުރު އިރުއޮއްސުމުގެ ކުރިއަށް ނިމޭގޮތަށް ތަވާލުކުރުމެވެ. އެ ކުންފުނީގެ އަމާޒަކީ ރައްޔިތުންނަށް އިތުބާރު ހިފޭ، ލުއިފަސޭހަ އާންމު ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން ކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.