ޚަބަރު
ފ. އަތޮޅުގައިވެސް އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
އާރްޓީއެލްގެ ފެރީއެއް
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ފާފު އަތޮޅުގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ފައްޓަވައިދެއްވީ ފ. ނިލަންދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އެ ދާއިރާގެ މަޖިލިސް މެންބަރު ފާތިމަތު ސަޢުދާއެވެ.
މި ރަސްމިއްޔާތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން އާއި އިންޑިއަން ހައި ކޮމިޝަނަރާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙްމަދު ސަޢުދީގެ އިތުރުން ސަރުކާރާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި ޚިދުމަތުގެ ދަށުން ފުރަތަމަ ހަފްތާގައި ކުރިއަށްދާނީ ރައްޔިތުން އަހުލުވެރިކުރުވުމަށް ބާއްވާ ހިލޭ ދަތުރުތަކެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، އަހުލުވެރިކުރުވުމުގެ މުއްދަތަށްފަހު މި މަހުގެ 25 ވާ ބުދަ ދުވަހުން ފެށިގެން އާރުޓީއެލްގެ ޚިދުމަތް ބޭނުންކުރެވޭނީ ޓިކެޓް ނަންގަވައިގެންނެވެ. ޓިކެޓް ނެންގެވުމުގެ އިންތިޒާމު އާރްޓީއެލް ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ހަމަޖެހިފައިވާނެއެވެ.
ފ. އަތޮޅާއެކު މިއަދު ވަނީ ދ. އަތޮޅުގައިވެސް މި ޚިދުމަތް ފަށާފައެވެ. މި ދެ އަތޮޅު ހިމެނޭހެން ޖުމުލަ 4 ރޫޓަކަށް ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ފ. އަތޮޅުގެ 1 ރޫޓާއި، ދ. އަތޮޅުގެ 2 ރޫޓުގެ އިތުރުން، ފ. ނިލަންދޫ އާއި ދ. މީދޫ ގުޅާލަދޭ ރޫޓެވެ. މި ޚިދުމަތް ދިނުމަށް ޖުމުލަ ދެ ފެރީ ބޭނުންކުރާނެއެވެ.
ޒޯން 4 ގައި ހިމެނޭ ތ. އަތޮޅުގައި މިހާރުވެސް މި ޚިދުމަތް ދެމުންދާއިރު، ފ. އަދި ދ. އަތޮޅާއެކު ރާއްޖޭގެ 14 އަތޮޅަކަށް މިހާރު ވަނީ އާރްޓީއެލްގެ ޚިދުމަތް ފުޅާވެފައެވެ. އެމްޓީސީސީން ފާހަގަކުރި ގޮތުގައި، މި ޚިދުމަތުގެ ސަބަބުން އެ ދެ އަތޮޅުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
2022 ވަނަ އަހަރު ފެށި މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު، ކުޑަ އަގެއްގައި އަދި އަރާމުކޮށް ކަނޑުމަގުން ދަތުރު ކުރެވޭނެ ނިޒާމެއް މުޅި ރާއްޖޭގައި ޤާއިމްކުރުމެވެ. މި މަޝްރޫޢަކީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކާމިޔާބުކަމާއެކު ކުރިއަށްދާ މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.