Ads by PNC

ޚަބަރު

ށ. ފުނަދޫގައި ޓިވެޓް ސެންޓަރެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ށ. ފުނަދޫގައި ޓިވެޓް ސެންޓަރެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ށ. ފުނަދޫގައި ޓިވެޓް ސެންޓަރެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ފެބްރުއަރީ 2026، 09:25

17 ފެބްރުއަރީ 2026، 09:25

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ދަށުން، ށ. ފުނަދޫގައި ޓެކްނިކަލް ވޮކޭޝަނަލް (ޓިވެޓް) ސެންޓަރެއް އިމާރާތް ކުރުމުގެ ބިންގާ މިއަދު އަޅައިފިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ކޮންމެ އަތޮޅަކުން މަތީ ތަޢުލީމު އުނގެނޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ސެންޓަރު ގާއިމުކުރެވުމުން، ރަށުން ބޭރަށް ދާންނުޖެހި އަތޮޅުތެރޭގައި ތިބެގެން ފެންވަރު ރަނގަޅު ޓެކްނިކަލް ޓްރެއިނިންގ އާއި އެކި ލެވެލްތަކުގެ ކޯސްތައް ފުރިހަމަކުރުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިވެގެންދާނެއެވެ.

ޖުމްލަ 17,500 އަކަފޫޓުގެ ބިމެއްގައި ބިނާކުރާ މި އިންސްޓިޓިއުޓަކީ ޒަމާނީ ވަޞީލަތްތަކާއެކު ދެ ބުރިއަށް އިމާރާތްކުރާ ތަނެކެވެ. މި އިމާރާތުގައި އަމަލީ ތަމްރީނު ދިނުމަށް ޚާއްޞަ މަލްޓި-ޕާޕަސް ވޯކްޝޮޕަކާއި، އައި.ސީ.ޓީ ލެބޯޓަރީއެއްގެ އިތުރުން ކްލާސް ރޫމްތަކާއި، ލައިބްރަރީ، ސްޓަޑީ ރޫމް އަދި އިދާރީ މަސައްކަތްތަކަށް ބޭނުންވާނެ އެންމެހާ ވަޞީލަތްތައް ހިމެނޭނެއެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ، "މި މަޝްރޫޢުތަކުގެ މައިގަނޑު ބޭނުމަކީ ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ތަޢުލީމު ހޯދުމުގެ ފުރުސަތު ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުން" ކަމަށެވެ. އަދި މި ސެންޓަރުގެ ސަބަބުން ސަރަޙައްދުގެ މަސައްކަތްތެރިކަމުގެ ބާޒާރަށް ބޭނުންވާ ފަންނީ ޒުވާނުން އުފެއްދުމަށް ބޮޑު ބާރަކަށް ވާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފުނަދޫގައި މިހާރުވެސް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި އިސްލާމިކް ޔުނިވަރސިޓީ (އައި.ޔޫ.އެމް) ގެ ކެމްޕަސްތަކުގެ އިތުރުން ދަނާލު އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހއ. ދިއްދޫ، ރ. އަލިފުށި، ނ. ވެލިދޫ، ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލައް ސިޓީގައިވެސް މަތީ ތަޢުލީމުދޭ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ށ. ފުނަދޫ ޓިވެޓް ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 12 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450