Ads by PNC

ޚަބަރު

ދެ އިންތިޚާބު އެއްކޮށްލުމަށް ބާއްވާ ޚިޔާލުހޯދުމުގެ ވޯޓަށް ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި

ދެ އިންތިޚާބު އެއްކޮށްލުމަށް ބާއްވާ ޚިޔާލުހޯދުމުގެ ވޯޓަށް ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި

އިންތިޚާބެއްގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ފެބްރުއަރީ 2026، 11:19

18 ފެބްރުއަރީ 2026، 11:19

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް ރީ-ރަޖިސްޓަރވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ އެކުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް މިއަދު ހެނދުނު 10:00 އިން ފެށިގެން ފެބްރުއަރީ 22 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ރީ-ރަޖިސްޓްރީވުމަށް ހުށަހެޅޭނެ ކަމަށެވެ. ރީ-ރަޖިސްޓްރީވުމަށް ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށެވެ.

ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއަކާއި ލައިވް ފޮޓޯއެއް ހުށަހަޅަންޖެހެއެވެ. ނަމަވެސް، ވެރިފައިޑް އީފާސް އެކައުންޓެއް މެދުވެރިކޮށް 'މައި ޕޯޓަލް' އިން ހުށަހަޅާނަމަ، އައިޑީ ކާޑުގެ ކޮޕީ ނުވަތަ ފޮޓޯ ހުށަހަޅަން ނުޖެހޭނެ ކަމަށް އީސީން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، މި ވޯޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

މި ޚިޔާލު ހޯދުމުގެ ވޯޓަކީ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ނިންމަވާފައިވާ ވޯޓެކެވެ. ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުން، ވަކި ކަންތައްތަކަކަށް ގެންނަ އިޞްލާޙުތައް ތަޞްދީޤުކުރެވޭނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނަގައި، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމައެވެ.

މި އިޞްލާޙުތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށް ގެނެވޭ ބަދަލުތައް ހިމެނެއެވެ. އެހެންކަމުން، މި ވޯޓުގެ ނަތީޖާއަކީ ޤާނޫނުއަސާސީއަށް ގެނެވޭ މި ބަދަލުތައް ޢަމަލީ ގޮތުން ތަންފީޛުކުރުމަށްޓަކައި ކޮންމެހެން ފުރިހަމަވާންޖެހޭ ޤާނޫނީ މަރުޙަލާއެކެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުގެ ރަސްމީ ނަތީޖާ އަންނަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އިޢުލާންކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. 

 މި ވޯޓަކީ ޤާނޫނުއަސާސީއަށް ގެނައުމަށް ފާސްކޮށްފައިވާ 8 ވަނަ އިޞްލާޙު ތަޞްދީޤުކުރުމުގެ ކުރިން ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ބާއްވާ ވޯޓެކެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުން، މިފަދަ ވޯޓެއްގައި އެ އިޞްލާޙެއް ގެނައުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ، ވޯޓުގެ ރަސްމީ ނަތީޖާ އިޢުލާންކުރާތާ 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަޞްދީޤުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވަން ޖެހޭނެއެވެ.

ނަމަވެސް، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެ އިޞްލާޙެއް ގެނައުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ، އެ ބިލެއް ބާޠިލުވާނެއެވެ. މިއީ ރައްޔިތުންގެ ސީދާ ބައިވެރިވުމާއެކު ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ކަނޑައަޅާފައިވާ މުހިންމު އިޖުރާއަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450