Ads by PNC

ޚަބަރު

އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ހުރިހައި ލޯނެއް ޝަރީޢާ އުސޫލަށް ބަދަލުކުރަނީ

އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ހުރިހައި ލޯނެއް ޝަރީޢާ އުސޫލަށް ބަދަލުކުރަނީ

އެސްއެމްއީ ޑިޖިޓަލްގެ އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ފެބްރުއަރީ 2026، 12:14

18 ފެބްރުއަރީ 2026، 12:14

ޝަރީޢާގެ ހަމަތަކަށް ފެތޭ މާލީ އިދާރާއަކަށް އެސްއެމްއީ ޑިޖިޓަލް ބަދަލުކުރުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒުގެ ދަށުން، އެކުންފުނިން މިހާތަނަށް ދޫކޮށްފައިވާ ހުރިހައި ލޯނެއް ޝަރީޢާ ހުއްދަކުރާ އިސްލާމިކް ފައިނޭންސިންގ ފެސިލިޓީތަކަށް ބަދަލުކުރުމަށް ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.

މިއީ އެ ކުންފުންޏަކީ ފުރިހަމައަށް އިސްލާމީ މާލީ ނިޒާމަށް ތަބާވާ އިދާރާއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

އެސްއެމްއީ ޑިޖިޓަލްއިން ހާމަކުރި ގޮތުގައި، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފެށި މި މަސައްކަތުގެ ފުރަތަމަ މަރުހަލާގައި ބޮޑު އިސްކަމެއް ދީފައިވަނީ އެކި ސަބަބުތަކާހުރެ ފައިސާ ދެއްކުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށެވެ. އެގޮތުން، މިހާތަނަށް ގިނަ އަދަދެއްގެ ފަރާތްތަކެއްގެ ލޯނުތައް ވަނީ އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޝަރީޢާ ހުއްދަކުރާ ފެސިލިޓީތަކަށް ބަދަލުކޮށްދީފައެވެ.

މި ބަދަލާއެކު ކަސްޓަމަރުންނަށް ގިނަގުނަ ލުއިތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އޭގެ ތެރޭގައި ފެސިލިޓީތައް އަލުން ތަރުތީބުކޮށް، މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކުޑަކުރުމާއި، ފައިސާ ދައްކާ ޚަލާސްކުރުމުގެ މުއްދަތު އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން، ގަވާއިދުން ފައިސާ ނުދެއްކި ހުރި ފެސިލިޓީތައް ޝަރީޢާ ހުއްދަކުރާ އުޞޫލުތަކުގެ ތެރެއިން އަލުން ރެގިއުލަރައިޒް ކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ފަހިވާނެއެވެ.

އެސްއެމްއީ ޑިޖިޓަލްއިން އިތުރަށް ވިދާޅުވީ، މިހާތަނަށް އިސްލާމިކް ފައިނޭންސިންގ އަށް ބަދަލުކުރުމުގެ އޮފާ ލިބިފައިނުވާ ހުރިހާ ފަރާތްތަކަށް މިހާރު އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ރީފައިނޭންސިންގ އޮފާ ފޮނުވަން ފަށާފައިވާ ކަމަށެވެ. މި ފެސިލިޓީތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކަސްޓަމަރުން ޕޯޓަލް މެދުވެރިކޮށް އެ އޮފާ ގަބޫލުކުރުމުންނެވެ.

މި މަސައްކަތުގެ ދަށުން، އޮފާ ފޮނުވުމަށްފަހު ފެސިލިޓީއަށް އަންނަ ބަދަލުތަކުގެ ތަފްސީލުތައް އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ކަސްޓަމަރުންނަށް ގުޅައިގެން ހިއްސާކުރާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. މިއީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްލާމީ މާލީ ނިޒާމުގެ ތެރެއިން ލުއިފަސޭހަކަން ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450