ޚަބަރު
ހުޅުމާލެ މިސްކިތްތައް ކައިރީގައި ގިނަ ދުވަސްވަންދެން ޕާކްކޮށްފައިވާ އުޅަނދުތައް ނަގަން އަންގައިފި
ހުޅުމާލޭގައި ހުންނަ މިސްކިތެއް
ހުޅުމާލޭގެ މިސްކިތްތައް ކައިރީގައި ގިނަ ދުވަސްވަންދެން ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު އަންގައިފިއެވެ.
މި ފިޔަވަޅަކީ މަގުތަކުގެ ތަރުތީބު ހިފެހެއްޓުމަށާއި އާންމު ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ފުލުހުން ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ.
ފުލުހުން ވިދާޅުވީ މިސްކިތްތަކަށް ނަމާދަށް އަންނަ ފަރާތްތަކަށް އެ ސަރަހައްދަކީ ފަސޭހަ ސަރަހައްދަކަށް ހެދުމަށާއި، ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، މިސްކިތް ހިމެނޭ ސަރަހައްދުތަކުގައި ގިނަ ދުވަސްވަންދެން ބަހައްޓާފައިވާ އުޅަނދުތައް ނެގުމަށް ނިންމާފައިވާ ކަމަށެވެ.
ކުރިއަށް އޮތް ރަމަޟާން މަހަކީ ގިނަ ބަޔަކު އަޅުކަމުގައި ހޭދަކުރާ މައްސަރަކަށް ވެފައި، މިސްކިތްތަކަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އެ މަހު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ. އެހެންކަމުން، މިސްކިތްތައް ކައިރިން ޕާކިން ޖާގަ ހޯދައިދިނުމަކީ ނަމާދަށް އަންނަ ފަރާތްތަކަށް ލިބޭނެ ބޮޑު ލުޔެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.
ފުލުހުން މިހާރުވެސް ދަނީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ ދުވަސްވަންދެން ޕާކްކޮށްފައިވާ އުޅަނދުތަކުގެ އިތުރުން، މަގުތަކުގައި ހުރި ބާވެފައިވާ އުޅަނދުތައް ނެގުމުގެ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މި މަސައްކަތުގެ ދަށުން މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، އާންމު ދަތުރުފަތުރަށް ހުރަސްއެޅޭ ގޮތަށް ހުންނަ އުޅަނދުތައް ދަނީ ނަގަމުންނެވެ.