Ads by PNC

ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ އައުޓްޑޯ ޖިމް ހުޅުވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ އައުޓްޑޯ ޖިމް ހުޅުވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ އައުޓްޑޯ ޖިމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ފެބްރުއަރީ 2026، 10:10

18 ފެބްރުއަރީ 2026، 10:10

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ މަގްސަދުގައި ތަރައްޤީކުރި ފުރަތަމަ އައުޓްޑޯ ޖިމް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޖިމް އިފުތިތާހުކޮށްދެއްވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު އެވެ.

މި އައުޓްޑޯ ޖިމް ގާއިމްކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަޙައްދުގައި އޮންނަ ޓަރފް ދަނޑު ކައިރީގައެވެ. މި ޖިމުގައި ކަސްރަތު ކުރުމަށް ބޭނުންކުރާ 22 ބާވަތެއްގެ ތަފާތު އައުޓްޑޯ އިކުއިޕްމަންޓް ބަހައްޓާފައިވެއެވެ. މިއީ އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ކަސްރަތުކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެޗްޑީސީން ވިދާޅުވި ގޮތުގައި، މި މަޝްރޫއަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އަށަގެންނުވައި، ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާބާދީ ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކުރުމަށްޓަކައި އާ މާސްޓަރ ޕްލޭންގެ ދަށުން ތަފާތު ގިނަ މަސައްކަތްތައް ކުރުމަށް ވަނީ ރޭވިފައެވެ.

ނެޝަނަލް ފިޓްނަސް ޕްލޭނާއި އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެހެންކަމުން، ސަރުކާރުގެ މި ވައުދު ފުއްދުމަށް އެއްބާރުލުން ދިނުމަކީ އެޗްޑީސީގެ ބޮޑު އަމާޒެއް ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

އެޗްޑީސީން އިތުރަށް ވިދާޅުވީ، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި އަދި ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް އެހީތެރިވެދޭނެ މިފަދަ ގިނަ މަޝްރޫއުތައް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450