ޚަބަރު
ހުޅުމާލޭގެ ކުރެދިމާ ހިނގުން އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށްފި
ހުޅުމާލެ
ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދޭއް ގުޅުވައިދޭ ބްރިޖު 2 އަދި 3 އާ ދޭތެރޭ އޮންނަ ސަރަހައްދު ކަމަށްވާ ކުރެދިމާ ހިނގުމަކީ އެއްކޮޅަށް ދުއްވޭ މަގަކަށް (ވަން-ވޭ) ބަދަލުކޮށްފިއެވެ.
މި ބަދަލާއެކު މިހާރު އެ މަގުގައި ދަތުރުކުރެވޭނީ ހަމައެކަނި ހުޅަނގަށް ވާގޮތަށެވެ.
މި ބަދަލު ގެންނަން ނިންމާފައިވަނީ އެ ސަރަހައްދުގައި ހިނގާ މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވަމުންދާތީ، މަގުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައެވެ. މީގެ ކުރިން ދެކޮޅަށް ދުއްވޭ ގޮތަށް އޮތް މި މަގުގައި ޓްރެފިކް ތޮއްޖެހުމާއި ނުރައްކާތެރި ހާދިސާތައް ހިނގާކަން ވަނީ ފާހަގަކުރެވިފައެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު އަދި ރައްކާތެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން ޓްރެފިކް ފްލޯއަށް ގެނެވޭ މިފަދަ ބަދަލުތަކަކީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
މި ބަދަލަށް އަމަލުކުރަން ފެށުމާއެކު، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މަގުމަތީގެ ނިޝާންތަކަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. މިއީ ހުޅުމާލޭގެ ދެ ފޭސް ގުޅޭ ސަރަހައްދުގެ ޓްރެފިކް ނިޒާމު ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގެނެވުނު ބަދަލެކެވެ.