Ads by PNC

ޚަބަރު

މާލޭ ނޯތު ހާބަރު ހުސްކުރި ސަރަޙައްދު އަލުން އުޅަނދުފަހަރަށް ހުޅުވާލަނީ

މާލޭ ނޯތު ހާބަރު ހުސްކުރި ސަރަޙައްދު އަލުން އުޅަނދުފަހަރަށް ހުޅުވާލަނީ

މާލެ ނޯތް ހާބަރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ފެބްރުއަރީ 2026، 11:32

18 ފެބްރުއަރީ 2026، 11:32

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ހުސްކުރި މާލޭ ނޯތު ހާބަރު ސަރަޙައްދު، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވާލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

އެމްޕީއެލްއިން ވިދާޅުވީ، މި ސަރަޙައްދު މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދުފަހަރާއި މަސް އޮޑިފަހަރަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިރޭ 23:00 އިން ފެށިގެން ކަމަށެވެ. ނަމަވެސް މި ސަރަޙައްދުގައި ބަނދަރު ކުރެވޭނީ ވަކި އުސޫލުތަކެއްގެ ދަށުންކަން އެ ކުންފުނިން ފާހަގަކުރެއެވެ. އެގޮތުން މި ސަރަޙައްދުގައި ބަނދަރު ކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ޤަވާއިދުތަކަށް ފެތޭ އުޅަނދު ފަހަރަށް އެކަނި ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.

ރަމަޟާންމަހު އަވަހަށް ހަަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއަރ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، އެމްޕީއެލްއިން ދަނީ 3،000 އަކަފޫޓުގެ ހިޔާ ކޮށްފައިވާ ޝެޑެއް ޤާއިމުކޮށްގެން ޚިދުމަތް ދެމުންނެވެ. ނޯތު ހާބަރު ސަރަޙައްދު އަލުން ހުޅުވާލުމާއެކު، މި ޝެޑަށް އޮތް ބާރު ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.

ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ސަރަޙައްދު ތަރައްޤީކޮށް ނިންމުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގު ވަނީ ދެކޮޅަށް ދުއްވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރު އަޅާފައެވެ. މީގެ އިތުރުން މަގު ފުޅާކުރުމުގެ ގޮތުން ފަޅުތެރެއިން ބައެއް ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް މަގަށް އިތުރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450