Ads by PNC

ޚަބަރު

ރާއްޖޭގެ ބައިވެރިވުމާއެކު އިންޑިޔާ ކަނޑުގެ އަސްކަރީ އެންމެ ބޮޑު ހަރަކާތް ފަށައިފި

ރާއްޖޭގެ ބައިވެރިވުމާއެކު އިންޑިޔާ ކަނޑުގެ އަސްކަރީ އެންމެ ބޮޑު ހަރަކާތް ފަށައިފި

ރާއްޖޭގެ ބައިވެރިވުމާއެކު އިންޑިޔާ ކަނޑުގެ އަސްކަރީ ހަރަކާތްތަކުގެ ތެރެެއިން. ފޮޓޯ: އިންޑިއަން ނޭވީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ފެބްރުއަރީ 2026، 11:11

18 ފެބްރުއަރީ 2026، 11:11

ބައިނަލްއަގުވާމީ އެކި ގައުމުތަކާ ގުޅިގެން އިންޑިޔާއިން ބާއްވާ ކަނޑުގެ އަސްކަރީ އެންމެ ބޮޑު އެއް ހަރަކާތް މިއަދު ފަށައިފިއެވެ. ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ބިޔަ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ އިންޑިޔާގެ ރައީސް ދްރޫޕަތީ މުރުމޫއެވެ.

މި ހަރަކާތްތައް ފަށާފައިވަނީ އިންޓަނޭޝަނަލް ފްލީޓް ރިވިއު އާއެކުގައެވެ. މިއީ ކަނޑުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިންޑިޔާގެ ކަނޑުގެ އަސްކަރިއްޔާގެ އުޅަނދުތަކާއި އެކުވެރި ގައުމުތަކުގެ ނޭވީ އަދި ކޯސްޓްގާޑް އުޅަނދުތައް ތައްޔާރަށް ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މި ފަހަރުގެ ފްލީޓް ރިވިއުގައި 19 ގައުމަކުން ވަނީ އެ ގައުމުތަކުގެ ކަނޑުގެ އަސްކަރީ އުޅަނދުތައް ދައްކާލާފައެވެ.

އިންޑިއާގައި ބޭއްވި ތިންވަނަ އިންޓަނޭޝަނަލް ފްލީޓް ރިވިއުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ އުޅަނދު "ހުރަވީ" އެވެ. ހުރަވީއަކީ ރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އުޅަނދެކެވެ.

މި ހަރަކާތުގެ އިތުރުން، މާދަމާ ފެށުމަށް ހަމަޖެހިފައިވާ "މިލަން" އެކްސަސައިޒް ގައިވެސް ރާއްޖޭން ބައިވެރިވާނެއެވެ. މި އެކްސަސައިޒަކީ ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެއް ގައުމު އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ.

މީގެއިތުރުން، އިންޑިއަން އޯޝަން ނޭވަލް ސިމްޕޯޒިއަމް "އައޯންސް" ގައިވެސް ރާއްޖޭން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި ސިމްޕޯޒިއަމްގައި ގައުމުތައް ގުޅިގެން ކަނޑުގެ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްދާނެއެވެ.

މިއަހަރުގެ މި ނޭވީ ހަރަކާތަކީ އިންޑިއާގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އަސްކަރީ ހަރަކާތެވެ. މި ހަރަކާތުގައި ދުނިޔޭގެ އެކި ގައުމުތަކުން 70 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450