ޚަބަރު
ޕީކް ސީޒަނަށް ތައްޔާރުވުމަށް ކ. ގުޅިއަށް 800 ކިލޯވޮޓުގެ ޖެންސެޓެއް ގެންގޮސް ޚިދުމަތް ދޭން ފަށައިފި
އައު ޖެންސެޓް/ފޮޓޯ: ސްޓެލްކޯ
ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކ. ގުޅިއަށް 800 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސް ޚިދުމަތް ދޭން ފަށައިފި އެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވީ، މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކ. ގުޅި އަށް 800 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ގެންދެވި ކޮމިޝަންކޮށް މިހާރު ޚިދުމަތްދޭން ފަށާފައިވާ ކަމަށެވެ. ހަމަ އެހެންމެ، މި އައު ޖަނަރޭޓަރު ސެޓާއެކު ގުޅީގެ ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ 1904 ކިލޯވޮޓަށް މިހާރު އިތުރު ކުރެވިފައިވާކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކ. ގުޅިއަށް އަލަށް ގެންދެވުނު 800 ކިލޯވޮޓުގެ އިންޖީނު އެރަށުގައި ބަހައްޓައި، އެ އިންޖީނުން ޚިދުމަތްދޭން ވަނީ ފެށިފައި. މި އައު އިންޖީނާއިއެކު ޕަވަރ ޖަނަރޭޝަން ކެޕޭސިޓީ ވަނީ 1904 ކިލޯވޮޓަށް އިތުރު ކުރެވިފައި. pic.twitter.com/8KAidJtaC9
— STELCO (@STELCOMALDIVES) February 19, 2026
ގުޅީގެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ކަރަންޓުގެ ޚިދުމަތް ލިބޭ މިންވަރު ހަރުދަނާވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ޕީކް ސީޒަނުގައި ކަރަންޓަށް އޮންނަ ބޭނުންތެރިކަން އިތުރުވާތީ، މިފަދަ މަސައްކަތްތައް ކުރިއަށް ގެންދަނީ، އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ދެމެހެއްޓުމަށެވެ.
ސްޓެލްކޯ އިން ދަނީ، ރާއްޖޭގެ އެކި ރަށްތަކަށް އެ ކުންފުނިން ދެމުންދާ ކަރަންޓުގެ ޚިދުމަތް ފުރިހަމަކޮށް، ރަނގަޅުކުރުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.